ޚަބަރު

މަޖިލިސް މެންބަރުންގެ ގޮތުގައި އަންހެނުންގެ އަދަދު އިތުރު ކުރުމަކީ އުއްމީދެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަންހެނުންގެ އަދަދު އިތުރުކުރުމަކީ އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އަންހެނުންގެ ދުވަހާ ގުޅިގެން މަލާއި ކޭކާއި ރަތް ދޫލަ އެޅުމާއި އެބާވަތުގެ ކަންކަން ނުކުރުމަށް ޖެންޑާ މިނިސްޓްރީން އިރުޝާދު ދީފައިވި ނަމަވެސް މާނަވީ ގޮތެއްގައި އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތްގަނެގެން މަސައްކަތްތައް ހިންގަންޖެހޭ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މަޖިލީހުން އިސްލާހު ގެނަސް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކޮށް، ރާއްޖޭގެ ގިނަ ވެރިކަމުގެ ހިންގުންތަކުގައި އަންހެނުން ވަރަށް ބޮޑަށް ބައިވެރި ކުރުވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަންހެނުންގެ އަދަދު އިތުރުކުރުމަކީ އުއްމީދެއް ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އަންހެނުންނަށް ނިސްބަތްކޮށް ކަނބަލުންގެ ބަސް ބޭނުންކުރުން އެމަނިކުފާނަށް ހުތުރު ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ހުތުރު ކަނބަލުންނޭ ކިޔައިގެން މިދައްކާ ދެއްކުން، އަންހެނުން އަންހެން ބޭފުޅުން މިބަސްތައް، އާއްމުކޮށް އަޅުގަނޑުމެން މި ބޭނުން ކުރާ ބައްތައް، ބޭނުންކުރަމުން ދިއުމަކީ މިއަދު އަޅުގަނޑު ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް،" ކަމަށެވެ.