ސަރުކާރުން މިރޭ ތައާރަފުކުރެއްވި "މަސްދޯނި އެކައުންޓް" ގެ ބޭނުން ހިފައި މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޭން ފެށުމަށް މަސްވެރި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.
މަސްވެރިޔާ ކާޑުގެ ހިދުމަތް ލިބޭ މަސްދޯނި އެކައުންޓް އިފްތިތާހުކުރެއްވުމަށް ގއ. ކޫއްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްވެރިޔާ ކާޑަކީ، ކިރުވާ މަހަށް ވަގުތުން ފައިސާ ލިބުމުގެ އިތުރުން، އެތައް ޚިދުމަތެއް ލިބިގެންދާނެ ކާޑެއް ކަމަށެވެ.
އެގޮތުން އުމުރުން ދުވަސްވެ، މަސްވެރިކަމާ ވަކިވާންޖެހޭ ހާލަތުގައިވެސް އެ ކާޑުގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަސްވެރިޔާގެ އެކައުންޓަށް މަހުންމަހަށް އާމްދަނީ ޖަމާވަމުން ދާނަމަ، ޕެންޝަން ސްކީމް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގު ފަހިވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިޔާ ކާޑު ބޭނުން ކުރިޔަސް، މަސްވެރިޔާގެ އެކައުންޓަށް ޖަމާވާ ފައިސާ، ކުރިން ނަގާފައި އޮތް ލޯނަކަށް ބޭންކަކުން ނުކަނޑާނެ ކަމަށެވެ.
އަދި މަސްވެރިޔާ ހުޅުވާ އެ އެކައުންޓަކީ ފައިސާ ފަހަށް ރައްކާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.