ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގައި، އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން އަހުމަދު ޖަޒީލް ނުވަ މަހާއި ދެ ދުވަހުގެ މުއްދަތަށް ޖަލަށް ލާން މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަޒީލްގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ މަންދީއަށް ހަމަލާދީގެން ކުރި ދައުވާ އާއި، ހަމަ އެ ހަމަނުޖެހުމުގައި އެތަނުގައި ހުރި މ.ކިޝިނެފް ހުސެއިން ޝާމިންއަށް ހަމަލާދީގެން ކުރި ދައުވާއެވެ. އެ ދެ މައްސަލައިގައިވެސް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
ޖަޒީލް ވަނީ އެ ދެ ދައުވާއަށްވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ. މި ކުށުގެ އަސާސީ އަދަބަކީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ދައުވާއަށް އިއުތިރާފުވެފައިވާތީ އޭނާއަށް ކޮށްފައިވަނީ ލުއި ހުކުމެކެވެ.
އެގޮތުން އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މަންދީއަށް ހަމަލާދިން މައްސަލައިގައި، ނުވަ މަހާއި ދެ ދުވަސް އަދި ޝާމިންއަށް ހަމަލާ ދިން މައްސަލައިގައި ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ހިނގި މި ހާދިސާގައި، މަންދީއަށް ހަމަލާދީފައިވަނީ ޗޭނު ގަނޑަކުންނެވެ. އެކަމުގެ ސަބަބުން މަންދީގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ހޯދައިފައެވެ.