ރިފާ ހަލީލު
ޓެކްސީ ޑްރައިވަރުންނަށް ދަތުރަކަށް ނެގޭނެ އަގު އާންމުކޮށް، އެ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތަކަށް ނަގާ އަދަދު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ވަނީ ނިންމައިފައެވެ.
ފުލުހުންގެ "ރޯޑް ޕޮލިސް" ގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި، ޓެކްސީގެ ހިދުމަތުން ނެގޭނެ އަގުތައް ހިމަނައި ބުނެފައިވަނީ އެ އަގުތަކުގެ އިތުރަށް އަގެއް ނުނެގޭނެ ކަމަށެވެ. އަދި ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީގެ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ވެސް ނުނެގޭނެ ކަމަށާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އެއްވެސް އަގެއް ނަގައިފި ނަމަ އެކަން އަންގަން ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން އާންމުކޮށްފައިވާ އަގުތަކަކީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކެވެ.
ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް ފަސް ރުފިޔާ ނެގޭނީ މެންދަމު 12:00 އިން ހެނދުނު 6:00 އަށް ކުރާ ދަތުރުތަކަށް އެކަންޏެވެ.
ފުލުހުން ބުނީ މި އަގުތަކަށް ވުރެ ބޮޑުކުރާނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިގޮތަށް އަގުބޮޑުކޮށް ކުރާ ދަތުރުތަކުގެ ރިޕޯޓު ކުރުމަށްވެސް ފުލުހުން ވަނީ އަންގައިފައެވެ.
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފެށުމާއެކު ގިނަ ޓެކްސީ ޑްރައިވަރުން ވަނީ އެކަމުން އެމީހުންނަށް ގެއްލުންވާ ކަމަށް ބުނެފައެވެ. ގިނަ ޑްރައިވަރުން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. އެކަމަށް މީގެ ކުރިންވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓެކްސީ ސެންޓަރުތަކުން މަޝްވަރާކުރި ނަމަވެސް، އެކަން އަދި ތަންފީޒު ކޮށްފައެއް ނުވެއެވެ.
މިދިޔަ މަހު އަދި މިމަހު ވެސް އެސްޓީއޯ އިން ވަނީ ތެލުގެ އަގުބޮޑުކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު ތެލުގެ އަގު އިތުރަށް ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރަށް ހަލުވިވެފައިވާތީ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ފިއުލް ސަޕްލައި މޯލްޑިވަސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 14.80 ރުފިޔާއަށެވެ.