ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރުމާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން ބޭއްވި މުޒާހަރާ ނިންމާލައިފިއެވެ.
މިރޭ އެ މުޒާހަރާ ފަށާފައިވަނީ ކާނިވާ ސަރަހައްދުންނެވެ. އެ މުޒާހަރާގައި ރައީސް ޔާމީނަށް ތާއީދުކުރާ ސަޕޯޓަރުންނާއި ޕީޕީއެމްއާއި ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މުޒާހަރާ ނިންމާލާފައިވަނީ ކާނިވާ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ހިނގާފައި ގޮސް، ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ މުޒާހަރާ ނިންމާލާފައި މިވަނީ މުޒާހަރާ ފެށުނުތާ މާގިނައިރުތަކެއް ނުވަނީހެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މިދިޔަ ހޯމަ ދުވަހު މާފުށީ ޖަލަށް ގެންދިއުމަށް ފަހު، މިއަދު ހަވީރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޖީއެމްއެޗްއަށް ގެނެސް، ހިތުގެ ބަލީގެ ޑިޕާޓުމަންޓުގައި ވަނީ ފަރުވާދޭން ފަށައިފައެވެ. ޑޮކްޓަރަށް ދެއްކުމަށްޓަކައި ރައީސް ޔާމީން މާލެ ގެންނަކަން އަންގާފައިވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވައެވެ.
މިއަދު ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދިއުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން ވަނީ އައިޖީއެމްއެޗްއަށް ގޮސްފައެވެ. އައިޖީއެމްއެޗްގެ ތެރޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ ދިމާއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި އިރު، އެ ހާދިސާގެ ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތަށް ވަނީ ޒަހަމުވެފައެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު "ވަން އޮންލައިން"އަށް ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު 24 ގަޑިއިރަށް ރައީސް ޔާމީން އެޑްމިޓްކޮށްފައިވާ ކަމަށާއި ރައީސް ޔާމީން އެޑްމިޑްކޮށްފައިވަނީ ހިތުގެ ބަލީގެ ޑިޕާޓްމަންޓުގައި ކަމަށެވެ.