މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް، މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭ ގޮތް ވުމަކީ، ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ އެހެން ހިދުމަތްތަކަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ގއ. ކޫއްޑޫގައި މަސްވެރިޔާ ކާޑު އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ކާޑުގެ ހިދުމަތް ފެށުމުން މަސް ކިރުވުމާއެކު އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދޭނެ ކަމަށާއި ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށްވެސް ވަގުތުން ފައިސާ ޓްރާންސްފަރ ކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ކާޑުގެ ސަބަބުން މަސްކިރުމުގައިވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
""މަސްވެރިޔާ ކާޑު"ގެ ޚިދުމަތް ފެށުމުން، މީގެ ކުރީގައި ކަން ހިނގި ގޮތަށް، މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެ ކާޑުގެ ސަބަބުން އޮޑިވެރީންނަށްވެސް އެކި ކަހަލަ ފަސޭހަތައް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތެޔޮ ގަތުމާއި އައިސް ގަތުން ފަދަ ކަންކަމަށް، އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުޢާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެ،" ރައީސް ވިދާޅުވިއެވެ.