މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭ ސެންޓަރުތަކުން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން މަޝްވަރާކުރަން ފަށައިފިއެވެ.
ފެޓްރޯލް ލީޓަރެއްގެ އަގު 14.60 ރުފިޔާއަށް އުފުލުމުން މާލެ ސަރަހައްދުގައި ހިންގާ ޓެކްސީ ސެންޓަރުތަކުގެ ވެރިން މަޝްވަރާކުރުމަށްފަހު އަންނަ ބުދަ ދުވަހުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑުކުރަން ވަނީ ނިންމައިފައެވެ.
މާލޭގެ ޓެކްސީ ސެންޓަރެއްގެ އޮފިޝަލަކު "ވަން" އަށް ބުނި ގޮތުގައި ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަށް ފެށި ބަދަލުތަކާއެކު ރާއްޖޭގައިވެސް ތެޔޮ ވިއްކާ އަގު ބޮޑުވެފައިވާތީ ސެންޓަރުތަކުގެ ވެރިން ރޭ ބައްދަލުކޮށް ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން މަޝްވަރާކޮށް އަގުތަކެއް ފާސްކޮށްފައިވާނެ ކަމަށެވެ.
އަދި އެ އަގުތަކަށް ޑްރައިވަރުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވާނެ ކަމަށާއި ނަމަވެސް އެ އަގުތަކަކީ އަދި ފައިނަލް އަގު ތަކެއް ނޫން ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަގުތައް ފައިނަލް ކުރުމަށް މިރޭގެ ވަގުތެއްގައި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
"މި ހިދުމަތް ދެމުން އަންނަ އަގުގައި ދެމުން މިއަންނަނީ 2014 އިން ފެށިގެން. ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކެއްގައި އެކަން ކުރަމުން މިއަންނަނީ. އެއްވެސް އަލިމަގެއް ނުލިބޭ މަޝްވަރާ ކުރިއަސް މިއަދާ ހަމައަށް. އަޅުގަނޑުމެން މަޝްވަރާ މިކުރަނީ އެ އަގުތަކަށް ގެނެވޭނީ ކޮން ބަދަލުތަކެއްތޯ،" ވަންއަށް މައުލޫމާތު ދިން އޮފިޝަލު ބުންޏެވެ.
އޮފިޝަލު އިތުރުށް ބުނީ މިރޭގެ ބައްދަލުވުމުގައި ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ގެންނަން ޓެކްސީ ޑްރައިވަރުން ބޭނުންވާ ބަދަލު ފާސްކުރުމަށްފަހު، އެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅައިގެން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ޓެކްސީ ކުުރުމުގެ އަގުތަކަށް އެންމެ ރަނގަޅު ގޮތަކީ މީޓަރު ހަރުކުރުން ކަމަށާއި މީޓަރު ހަރުކުރެވެންދެން އަގުތަކަށް ބަދަލުތަކެއް ގެންނަން ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުގެ މެޖޯރިޓީ މީހުން ބޭނުންވާ ކަމަށް ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފެށުމާ އެކު ގިނަ ޓެކްސީ ޑްރައިވަރުން ވަނީ އެކަމުން އެމީހުންނަށް ގެއްލުންވާ ކަމަށް ބުނެފައެވެ. ގިނަ ޑްރައިވަރުން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. އެކަމަށް މީގެ ކުރިންވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓެކްސީ ސެންޓަރުތަކުން މަޝްވަރާކުރި ނަމަވެސް، އެކަން އަދި ތަންފީޒު ކޮށްފައެއް ނުވެއެވެ.