ޚަބަރު

ހިނގާފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ފައިސާތަކެއް ފޭރިގެންފި

މާލޭ މަގުމަތިން ހިނގާފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، އޭނާ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ މާފަންނު އަޅިވިލާ މަގުން ހިނގާފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، އޭނާ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައެއް މިއަދު މެންދުރު ފަހު 3:30ގައި ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި 840 ޑޮލަރު ފޭރިގަތް ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން މިމަހުގެ ތެރޭގައި ފޭރުމުގެ ހަތަރު ހާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު ހިނގި ފޭރުމުގެ ހާދިސާގައި ވަޅިން ބިރު ދެއްކުމަށް ފަހު އެކްސްޕާޓް މޯޓާސްގެ 560،000 އަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވެއެވެ. އޭގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ވަނީ ހުޅުމާލޭގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅީން ބިރުދައްކައި، ޖަމާކުރަން ގެންދިޔަ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ. އޭނާ އެ ފައިސާތައް ފޭރިގެންފައިވަނީ ހުޅުމާލޭގައި ހުންނަ ''ރޫޓު'' ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިއުމަށްޓަކައި، އެ ފައިސާ ހިފައިގެން ވޭނަށް އަރަން އުޅެނިކޮށެވެ.

މިމަހުގެ ކުރީކޮޅު ހދ. ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ހުރި މީހަކު ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގަންފައިވާ އިރު، މިމަހުގެ ދިހަވަނަ ދުވަހު ހޮރައިޒަން ފިޝަރީޒް ކުންފުނީގެ 160000 ރުފިޔާގެ ޗެކެއް ވަނީ ފޭރިގެންފައެވެ.