ޚަބަރު

މަސްވެރިންނަށް ކޮންމެ ތަނެއްގައިވެސް ހުރެ ބޭންކިން ކުރެވޭ ހިދުމަތް ރައީސް ތައާރަފުކުރައްވައިފި

އަހުމަދު ޖައިޝަން

ދިވެހި މަސްވެރިންނަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހުރެ ބޭންކިންގެ ހިދުމަތް ބޭނުންކުރެވޭނެ މަސްވެރިންގެ ކާޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކުރައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކާޑު ތައާރަފުކުރައްވާފައިވަނީ ގއ. ކޫއްޑޫގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

އެ ހިދުމަތާ ގުޅޭގޮތުން ވާހާކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގެ ހިދުމަތް މުޅި ގައުމަށް ލިބޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

އެ ކާޑަކީ މަސްވެރިންގެ އެކައުންޓުތަކާ ގުޅިފައިވާ ޑިޖިޓަލް ވޮލެޓެއް ކަމަށާއި އެ ހިދުމަތުގެ ސަބަބުން މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ ހިދުމަތް ތަނަވަސްވެގެން ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްދޯނި އޮޑިވެރިން، ބީއެމްއެލް މާޗެންޓް ޕޯޓަލް މެދުވެރިކޮށް އެހެން ފަރާތްތަކަށް ވަގުތުން ފައިސާ ފޯރުކޮށްދެވޭނެ ކަމަށެވެ.

މަސްވެރިންގެ އެކައުންޓަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވުމުގެ ހިދުމަތް ލިބޭއިރު އެކަމަށް ހާއްސަ ކާޑަކީ މާސްޓާ ކާޑާ ގުޅުވާފައިވާ ކާޑުތަކަށްވުމުން ރާއްޖެއިން ބޭރުގައިވެސް އެ ކާޑު ބޭނުންކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ކާޑުގެ ސަބަބުން ގިނަ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކާޑާއި ފޯނު ގެއްލުމުންވެސް ފައިސާ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގެއިތުރުން މަސްވެރިންނަށް ލޯނު ނަގަންވެސް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.