އެމެރިކާގެ ޖައްވީ އިދާރާ، ނާސާގައި ތަމްރީން ހޯދުމުގެ ފުރުސަތު ދިވެހި 32 ދަރިވަރަކަށް ލިބިއްޖެއެވެ.
އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެކަން ހާމަކޮށްފައި ވަނީ، އެތަނުން ކުރިއަށް ގެންދިޔަ ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަ ކުރި، ދިވެހި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރުމަށްފަހުއެވެ.
މާލެއާއި ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީވެސް 32 ދަރިވަރުންނެވެ. މިއީ ދިވެހި ދަރިވަރުން މިފަދަ ޕްރޮގުރާމެއް ފުރިހަމަ ކުރި ފުރަތަމަ ފަހަރެވެ.
އައިޖީއެސްއަކީ ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތްކުރާ ހަމައެކަނި އިންސްޓިޓިއުޝަނެވެ. އެތަނުން ވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގުރާމް އިފުތިތާހުކޮށް، ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތްވެސް ފަށައިފައެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ.
އައިޖީއެސްގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ ޖަމިއްޔާގައި ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސް (އީސާ)އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސްއެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން މަސައްކަތް ކުރެއެވެ.