ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގއ. އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
އެމަނިކުފާނު ގއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފައިވަނީ އެ އަތޮޅުގެ ވިލިގިއްޔަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ހަވީރު ވިލިނގިލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލުން ގއ. އަތޮޅު ތަރައްގީ ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ދަތިތަކާ ގުޅޭގޮތުން ރައީސަށް ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެގޮތުން ރަށްރަށުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކުރިމަތިވުން ކަމަށް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.
އަދި އަތޮޅުގެ ރަށްރަށުގައި ކުށް ގިނަވަމުން ދާތީ އެކަމަށް ހައްލެއް ހޯއްދައިދެއްވުމަށް ކައުންސިލް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.
އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން ބަނދަރާއި ފެނާއި ނަރުދަމާއާއި ކަރަންޓާއި ކުނި ނައްތަލުމާއި ކުޅިވަރު ކުޅޭނެ ދަނޑުތައް އަތޮޅުގެ ރަށްރަށުގައި ގާއިމުކުރުމާ ގުޅޭގޮތުން ވަނީ އެ ބައްދަލުވުމުގައި ރައީސަށް ހިއްސާކުރައްވައިފައެވެ.