ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

އަހުމަދު ޖައިޝަން

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މަރުކަޒީ ބޭންކުގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔަކަށް ހުންނެވި އާތިފް ޝަކޫރާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގަތުމަށް އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ އާތިފް ޝަކޫރު ކޮމިޓީއާ ބައްދަލުކުރުމަށް އެދި ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި ބުނެފައިވަނީ އާތިފް ޝަކޫރު މަޖިލީހަށް ހާޒިރު ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިނގާފައިވަނީ އާތިފް، އެފްއައިޔޫގެ އިސްވެރިއެއްގެ މަގާމުގައި ހުންނެވި ދުވަސްވަރުގައިކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

އާތިފް ޝަކޫރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 1430 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށްވެސް އެ ސީޓީގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އާތިފް ޝަކޫރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވާހަކަދައްކާނެ ފުރުސަތެއްގެ އުއްމީދުގައި ހުންނެވިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަދި އެތަނުގައި މަސައްކަތްކުރެއްވި ހަތް މަހުގެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާނެ ކަމަށާއި އެކަމުގައި އިހުލާސްތެރި އަދި ތެދުވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.