މިއަހުރުގެ މިހާތަނަށް ރާއްޖެއަށް 289،964ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި، އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު ޒިޔާރަތްކޮށްފައިވަނީ 149،011 ފަތުރުވެރިންނެވެ. އެހެންކަމުން ޖެނުއަރީ މަހާއި އަޅައި ބަލާއިރު ފެބްރުއަރީ މަހު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 13 ޕަސެންޓު އިތުރުވެފައެވެ. މި ހިނގާ މާޗު މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 9،189 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. ދެން ގެސްޓު ހައުސްތަކަށާއި ސަފާރީ ތަކަށެވެ. މިއަހަރު ފަތުރުވެރިން ޖުމްލަ ގޮތެއްގައި ރާއްޖޭގައި ހޭދަކޮށްފައިވަނީ ފަސް ދުވަހާއި އަށް ދުވަހެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން އަހަރަށް ވާއިރު ޓޫރިޒަމްގެ ރަން އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެނައި ޖޯޖް ކޯބިން ވެސް ވަނީ ރާއްޖެ އައިސްފައެވެ. ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޝޯއެއް ފަށާފައިވާއިރު، ރަން އަހަރާ ގުޅިގެން ހާއްސަ ސްޓޭމްޕެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
މީގެ އިތުރުން ޖަޕާން، ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑްގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމަށް ހުރި އިންވެސްޓްމަންޓް ފުރުސަތު ތަކާއި ބެހޭ ވެބިނާއެއް ބާއްވާފައިވާއިރު އެމްއެމްޕީއާރްސީން ވަނީ އިންޑިއާގެ ފަތުރުވެރިންގެ މާކެޓަށް އަމާޒުކޮށް ޑެސްޓިނޭޝަން އޮންލައިން ޓްރެއިނިންގް ޕްރޮގްރާމެއްވެސް ފަށާފައެވެ.