ރައީސް ޔާމީން

ޑޮކްޓަރުންގެ ލަފަޔާއެކު ރައީސް ޔާމީން ވަނީ 24 ގަޑިއިރަށް އެޑްމިޓްކޮށްފައި: އައިޖީއެމްއެޗް

1

ޑޮކްޓަރުންގެ ލަފަޔާއެކު ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް 24 ގަޑިއިރަށް އެޑްމިޓްކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު "ވަން އޮންލައިން"އަށް ވިދާޅުވީ 24 ގަޑިއިރަށް ރައީސް ޔާމީން އެޑިމިޓްކޮށްފައިވާ ކަމަށެވެ.

"ރައީސް ޔާމީން 24 ގަޑިއިރަށް ވަނީ އެޑްމިޓްކޮށްފައި. 24 ގަޑިއިރަށް ހިތުގެ ބަލީގެ ޑިޕާޓުމަންޓުގައި އެޑްމިޓްކުރަން ޑޮކްޓަރުން ވަނީ ލަފާދީފައި،" މުފީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހާލުކޮޅާ ގުޅޭ އިތުރު ތަފްސީލެއް މުފީދު ދެއްވައިފައެއް ނުވެއެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޖީއެމްއެޗްއަށް ގެނެސް، ހިތުގެ ބަލީގެ ޑިޕާޓުމަންޓުގައި ވަނީ ފަރުވާދޭން ފަށައިފައެވެ. ޑޮކްޓަރަށް ދެއްކުމަށްޓަކައި ރައީސް ޔާމީން މާލެ ގެންނަކަން އަންގާފައިވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން "ވަން އޮންލައިން"އަށް ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދިއުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން ވަނީ އައިޖީއެމްއެޗްއަށް ގޮސްފައެވެ. އައިޖީއެމްއެޗްގެ ތެރޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ ދިމާއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި އިރު، އެ ހާދިސާގެ ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތަށް ވަނީ ޒަހަމުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟