ޚަބަރު

ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ޕީސީއާރް ނުހަދައި ރާއްޖެއަށް އާދެވޭގޮތް ހަދައިފި

މުހައްމަދު އިޝާން

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ޑަބްލިއުއެޗްއޯއިން އިމަޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ކޮވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން މީގެ ކުރިން ޕީސީއާރް ޓެސްޓު ހަދަން ޖެހުނަސް މިހާރު ޕީސީއާރް ޓެސްޓު ނުހަދައި ރާއްޖެއިން ފުރޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ މަހުވެސް ބައެެއް ލުއިތައް ދީފައެވެ.