ޚަބަރު

އައިޔޫއެމްއިން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހުމަދު ޖައިޝަން

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފްތާގައި އިފްތިތާހުކުރައްވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ އެމްއެންޔޫ އާއި އައިޔޫއެމް އިން ހިލޭ ޑިގްރީއަށް ކިޔެވޭނެ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައިޔޫއެމްގެ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ފީއަކާ ނުލައި ހިލޭ ކިޔެވޭނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

އެ އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވައިސް ޗާންސެލަރު އައިޝަތު ހަލީލާ އަބްދުއްސައްތާރެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުއްރަހީމް ހަސަނެވެ.

އިސްލާމިކް ޔުނިވާސިޓީގައި ތަފާތު ފެންވަރުގެ 72 ކޯހެއް މިހާރު ކުރިއަށް ގެންދެއެވެ. އެ ކޯސްތަކުގައި ޖުމްލަ 2،502 ދަރިވަރުން ދަނީ ޔުނިވާސިޓީން ތައުލީމު ހާސިލުކުރަމުންނެވެ.