އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ގޭގައި މަޑުކުރަން އަންގާފައިވާ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމަކީ، ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި އޭނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަހުމަދު މައުސޫމަ ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެންގެވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިިކުފާނު އޮފީހުގެ، ޗީފް އޮފް ސްޓާފް އަހުމަދު މައުސޫމް ވަނީ މައުސޫމްގެ ހިއްސާ އޮންނަކަމަށް އޭސިސީގެ ރިޕޯޓްގައި ބުނެފައިވާ، އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީގެ ވިހި އަހަރުކުރިން ވަކިވެފައި ކަމަށެވެ.
"އަޅުގަނޑުގެ އޮފީސްގެ ޗީފް އޮފް ސްޓާފް އަހުމަދު މައުސޫމް ވަނީ އޭސީސީ އިިން ޝާއިއު ކުރި އެމްއެމްޕީއާރުސީއާ ގުޅޭ ރިޕޯޓްގައި ބަޔާންވެފައިވާ މާލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީގެ 20 އަހަރު ކުރިން ވަކިވެފައި. މައުސޫމްގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް އަޅުގަނޑަށް ފެނުނު ތަނުގައި މައުސޫމަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް،" ރައީސް ނަޝިދު ވިދާޅުވެފައިވެ އެވެ.
އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް ގޭގައި މަޑުކުރައްވަން އެންގެވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓު އޭސީސީން އާންމުކުރި އިރު، މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ފައިސާއިން މަނީ ލޯންޑަރިން ހިންގި އެސްއޯފުން ފައިސާ ޖަމާކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި މައުސޫމްގެ ހިއްސާ އޮންނަ، ސީޓީޖީ އާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ.
ސީޓީޖީގައި މައުސޫމްގެ އިތުރުން ހިއްސާ އޮންނަނީ، އަބްދުﷲ ރާފިއު، މއ. ޝޭޑީ ކެބިން، އުމަރު ޖަމާލް، މއ. ތިނަދޫ، އަދި ސ. ހިތަދޫ މާހީ އަހްމަދު ޒާހިރެވެ.