މުހައްމަދު ޖަމްޝަތް ވަހީދު
ހަނިމާދޫ އިންޓަާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ހަތަރު ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވިއިރު ހަތަރު ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވޭނެ ކަމަށާއި އެ މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިންގް 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށެވެ.
މީގެ އިތުރުން އެ އެއާޕޯޓް ތަރައްގީގެ މަޝްރޫއު ނިމޭއިރު މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބީލަން ހުށަހަޅަން ހުޅުވާލީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސޯދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ސަބަބުން އުތުރުގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓުހައުސްތައް އިތުރުވެ ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަމާއި އެނޫންވެސް ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސޯދު ފުޅާކުރުމަށް މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.