ރައީސް ޔާމީން

ހިތުގެ ޑިޕާޓްމެންޓަށް ވެއްދުމުގެ ކުރީން ޔާމީނާ ވާހަކަދެކެވުނު. ޓެސްޓެއް ހަދަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި: ގާނޫނީ ޓީމު

އައިޖީއެމްއެޗަށް ގެނެސް އެ ހޮސްޕިޓަލުގެ ހިތުގެ ޑިޕާޓްމެންޓަށް ރައީސް ޔާމީން ވެއްދުމުގެ ކުރީން އެމަނިކުފާނާ ވާހަކަ ދެކެވުނު ކަމަށާއި އެއްވެސް ކަހަލަ މެޑިކަލް ޓެސްޓެއް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ދާދި ދެންމެ ވިދާޅުވީ، މާލެއަށް ގެންނަ ސަބަބު ވެސް އެމަނިކުފާނަށް އަންގާފައި ނުވާ ކަމަށެވެ.

"ރައީސް ޔާމީން ހީފުޅުކުރެއްވީ ކޯޓަށް ގެންނަނީ ކަމަށް. ހޮސްޕިޓަލަށް ގެނައުމުގެ ކުރީން މި ގެންނަނީ ކޮން ކަމަކުކަން އެމަނިކުފާނަށް އެނގިވަޑައިގެންފައެއް ނުވޭ. އެފަދަ އެއްވެސް ކަމަކަށް އެދިވަޑައިގެންފަވެސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި." ގާނޫނީ ޓީމުން ވަން އަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ކުއްލި ގޮތަކަށް މާލެއަށް މި ގެނައީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން މާފުށީ ޖަލުގައި ހުންނަވަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ގާނޫނީ ޓީމުން ބުނީ އެމަނިކުފާނު މާލެއަށް ގެންނަކަން އެބޭފުޅުންނަށް ވެސް އެނގިވަޑައިގެންނެވީ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ފަރާތްޕުޅުން ކަމަށެވެ.