ސިނަމާލެ ބްރިޖް

ހައިވޭގައި ކާރަކުން ޖެހި ދެ ސައިކަލެއްގައި ތިބި ދެމީހަކަށް އަނިޔާވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ހައިވޭ ލައިޓް ކައިރިން، ދުއްވާފައި ދިޔަ ކާރަކުން ޖެހި ދެ ސައިކަލެއްގައި ތިބި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 އެހާކަށް ހާއިރު ހައިވޭއާއި ބުރިޖު ގުޅުނު ހިސާބުން، ލައިޓް ކައިރިން ދުއްވާފައި ދިޔަ ކާރަކުން ޖެހި ދެ ސައިކަލެއްގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ އޭޑީކޭގައި ކަމަށާއި އަނެއް މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައި ކަމަށެވެ. އަދި ދެ މީހުންގެ ތެރެއިން އެކަކަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ކާރު ސައިކަލުގެ ފަހަތުން ގޮސް ޖެއްސުމުން ކަމަށެވެ.

ފަހަކަށް އައިސް ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ގިނަވަމުންދާތީ މިމަހުގެ 18 އިން ފެށިގެން ފުލުހުން ގެންދަނީ ހައިވޭއާއި ބުރިޖުގައި ދުއްވާ އުޅަނދުތައް ޗެކްކުރަމުންނެވެ.