ރައީސް ޔާމީންގެ ސަޕޯޓަރުން މައިތިރި ކުރުމަށް ފުލުހުން އައިޖީއެމްއެޗްގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިފި އެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން އައިޖީއެމްއެޗް ތެރެޔަށް ޖަމާވީ، އެމަނިކުފާނު ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެނެސް ހިތުގެ ޑިޕާޓްމެންޓުގައި ފަރުވާ ދޭން ފެށުމުންނެވެ. ފުލުހުން ޕެޕާ ސްޕްރޭ ޖެހީ ސަޕޯޓަރުން އެއްވެފައި ތިބި، އައިޖީއެމްއެޗްގެ ހިތުގެ ޑިޕާޓްމެންޓުގެ ކުރިމައްޗަށެވެ.
ރައީސް ޔާމީން ކުއްލި ގޮތަކަށް މާލެއަށް ގެނައީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން މާފުށީ ޖަލުގައި ހުންނަވަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
އެ ސަރަހައްދުގައި މި ވަގުތު ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި، ޕެޕާ ސްޕްރޭ ޖެހުމުން ރައީސް ޔާމީންގެ ސަޕޯޓަރުން މި ވަގުތު ތިބީ ކުޑަތަންކޮޅެއް ދުރަށް ޖެހި އެ ހޮސްޕިޓަލުގެ ކެންޓީން ސަރަހައްދުގަ އެވެ. އެއްވެސް މީހަކު ހައްޔަރުކުރިން އަދި އެނގިފައި ނުވާ ކަމަށް ވަން ނޫސްވެރިޔާ ބުންޏެވެ.
ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ، އެމަނިކުފާނު މާލެ ގެންނަކަން ލޯޔަރުންނަށް އަންގާފައި ނުވާ ކަމަށެވެ.
"ލޯޔަރުންނަކަށް ނާންގާ. އަޅުގަނޑުމެނަށް އެނގުނީ މެޑަމް ފާތުމަތު އިބްރާހީމްގެ ފަަރާތުން. އެބޭފުޅުން އެންގެވީ މެޑަމް އަށް. ބައިގަޑިއިރު ތެރޭ ގެންނަކަން އެނގުނީ." ގާނޫނީ ޓީމުން ވަން އޮންލައިން އަށް ވިދާޅުވި އެވެ.