ޚަބަރު

ބީއެމްއެލްގެ އެހީގައި ފ. އަތޮޅު ސްކޫލުގައި ފޮތް ކިޔުމަށާއި ކުޑަކުދިން ކުޅޭނެ ތަނެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. އަތޮޅު ސްކޫލުގައި ފޮތް ކިޔުމަށާއި ކުދިން ކުޅުމަށް ހާއްސަ ތަނެއް ގާއިމުކޮށްފިއެވެ.

"ފަހި މާހައުލު" ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ފަތުހުﷲ ޝާތިރެވެ. މިއީ ކުޑަކުދިން ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ އަމާޒުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން މިއަދު ބުނީ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތް ކިޔުމަށާއި ކުދިން ކުޅުމަށް ގާއިމުކޮށްފައިވާ ތަނުގައި ބީން ބޭގް ބަހައްޓައި ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ހިމަނާފައިވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލާ ފުރުސަތެކެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.