ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީގެ ރައީސްކަމުގެ މަގާމުން ވަކިކޮށްފައިވާ ޔޫސުފް މާނިއަށް އަނބުރާ އެ މަގާމު ދިނުމަށް އޭނާ އެދިވަޑައިގެންފިއެވެ.
މާނިއު މިއަަދު ކުރެއްވި ޓުވީޓެއްގައި ވަނީ ގަވައިދާ ހިލާފަށް އޭނާ މަގާމުން ވަކިކުރި މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހާ ބައްދަލުކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި މަގާމުން ވަކި ކުރެވުނު މުއްދަތުގެ އުޖޫރަ ދައުލަތުން ހަމަޖައްސައި ދިނުމުގެ ބަދަލުގައި އަލުން އެ މަގާމަށް އައްޔަންކޮށްދެއްވުމަށް މާނިއު ވަނީ އެދިވަޑައިގަނެފައެވެ.
މާނިއު ވިދާޅުވިގޮތުގައި ސަރުކާރުން މިގޮތަށް އަމަލުކޮށްފިނަމަ ސަރުކާރަށް މިލިއަނެއްހާ ރުފިޔާ ރައްކާ ކުރެވޭނެއެވެ.
މާނިއު 2017ގެ ނޮވެމްބަރ މަހުގެ ތެރޭ މަގާމުން ވަކިކުރެވިފައިވަނީ އެންއައިސީގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށް ބުނެ އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައިވަނިކޮށެވެ.