މުހައްމަދު ޖަމްޝަތް ވަހީދު
ޔޫކްރެއިންގައި ތާށިވެފައި ތިބި ދިވެހިންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތާ ގުޅޭ މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން އެ ދަރިވަރުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ރަޝިއާއިން ޔޫކްރެއިނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމަލާދީ ހަނގުރާމަ ފަށާފައިވާ އިރު، އެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރައިންގައި މިވަގުތު 12 ދިވެހިން ނުފުރި ތިބި އިރު އެމީހުން ރާއްޖެ ގެނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ނަމަވެސް އެގައުމުގެ އިވާނޯ ފްރެންކިވްސްކްގައި ތިބި 15 ދަރިވަރަކު ހަންގޭރީއަށް ގެންގޮސް، އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމެއިދު ވިދާޅުވީ، ޔޫކްރެއިންގައި މިހާރު ތިބީ 12 ދިވެހިން ކަމަށާއި އެމީހުން ތިބީ ހަންގޭރީގެ ބޯޑަރާ ވަރަށް ދުރު ހިސާބުތަކުގައި ކަމަށެވެ.
އަދި އެ މީހުން ތިބި ހިސާބުން ހަންގޭރީގެ ބޯޑަރާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް 16 ގަޑިއިރު ނަގާނެ ކަމަށާއި ޓްރެފިކް ހުރި ގޮތުން ދަތުރު ދިގުވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ދަތުރުކުރުމަށް ރައްކާތެރި ނޫން ކަމަށް ހުމެއިދު ވިދާޅުވިއެވެ.
"ޔޫކްރެއިންގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެގައުމުގައި ހުންނަވާ އޮނަރަރީ ކޮންސުލް އިން ޔޫކްރެއިންގައި މިވަގުތު ދިގު ދަތުރެއް ކުރުމަށް ނުކުތުމީ އެހާ ރައްކާތެރިކަމެއް ގޮތުގައި ނުފެންނަ ކަމަށް. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށްވާތީ، ރައްކާތެރި ގޮތުގައި އެ ދަތުރު ކުރެވޭނެ މަގެއް ފަހިވިހާ އަވަހަކަށް ހަންގޭރީއަށް ވަނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ހުމެއިދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، ޔޫކްރައިންގައި ތިބި 12 ދިވެހިންގެ އިތުރުން ރަޝިއާގައި 88 ދިވެހި ދަރިވަރުން އަދި ބެލަރޫސްގައި 137 ދިވެހި ދަރިވަރުން އެބަ ތިބި ކަމަށެވެ.
އެކުދިންނަށް އެއްވެސް ނުރައްކާތެރި ކަމެއް އަދި ނެތް ކަމަށާއި ނަމަވެސް އޭޓީއެމްތަކުން ފައިސާ ނެގުމަށް ދަތިތަކެއް އެބަހުރިކަން ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ބީއެމްއެލްއާއެކު ވާހަކަދައްކަމުންދާ ކަމަށް ބުންޏެވެ.