ފޮރިން މިނިސްޓްރީ

މިނިސްޓަރ ޝާހިދު އެމްބެސެޑަރު އެލިސްއާ ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއާގެ އެމްބެސަޑަރު އެލިސް ޖ. ވެލްސްއާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ޝާހިދު އެމްބެސަޑާ އެލިސްއާ ބައްދަލުކުރައްވައިފައިވަނީ މިހާރު އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ރަސްމީ ދަތުުރުފުޅުގެ ތެރެއިންނެވެ. މިއަދު ހެނދުނު ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ އޮފީހުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މި ދެބޭފުޅުންވަނީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އޭގެ އިތުރުން އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުނާއި ދެ ގައުމުގެ ދެމެދުގައި ގުޅުން ހަރުދަނާ ކުރެވޭނެ ގޮތްތަކާއި މެދު ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީނެ ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ސެކިއުރިޓީއާއި، ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް އަދި ކައުންޓަރ ޓެރެރިޒަމް އާއި އެކްސްޓްރީމިޒަމް ފަދަ ކަންކަމުގައި ދެގައުމުން އެކީ މަސައްކަތް ކުރާނެ ގޮތްތަކާއި މެދު ވެސް މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.