އަލީ ޔާމިން
ރާއްޖޭގައި ރަޝިއާ އާއި ޔޫކްރޭނުގެ 8،700 އަށްވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރަޝިއާ އާއި ޔޫކްރޭނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީވެސް ރަޝިއާއިންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގައި ތިބީ، ރަޝިއާގެ ގާތްގަނޑަކަށް 8،000 އެއްހާ ފަތުރުވެރިން ކަމަށެވެ. އަދި ޔޫކްރޭނުގެ 750 އެއްހާ ފަތުރުވެރިން އެބަތިބި ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އެކިއެކި ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި އެ ދެގައުމުގެ ފަތުރުވެރިންގެ ތެރެއިން 706 ފަތުރުވެރިޔަކާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން ޔޫކްރޭނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާ އިރު، ރަޝިއާ މާކެޓަށް މާބޮޑު އަސަރެއް އަދި ނުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ރަޝިއާއިން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެ މާކެޓަށްވެސް ބޮޑު އަސަރެއް ކުރުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން "ވަން" އަށް ވިދާޅުވީ، ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން އެ ދެގައުމުގެ ބައެއް ބުކިންތައް ކެންސަލް ކުރަމުން އަންނަ ކަމަށާއި ހަނގުރާމައިގެ ސަބަބުން އިރުމަތީ ޔޫރަޕުގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރު ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ރަޝިއާއާއި ޔޫކްރޭންގެ ފަތުރުވެރިން ބޭނުން ނަމަ، އެ ފަތުރުވެރިންގެ ވިސާ ތިން މަހާ ހަމައަށް އިތުރުކޮށްދޭނެއެވެ.