ޚަބަރު

ރައީސް ނަޝީދުގެ ބޮޑީގާޑަށް އެމްއެންޑީއެފްގެ ވަޒީފާ އަލުން ދިނުމަށް ކޯޓުން ހުކުމް ކޮށްފި

އިބްރާހިމް ޒަކީ

އެމްއެންޑީއެފްގެ ވަޒީފާއިން ވަކި ކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑު ސިމާދު އަހުމަދުގެ ވަޒީފާ އަލުން ދިނުމަށް ސިވިލް ކޯޓުން އެމްއެންޑީއެފްގެ މައްޗަށް މިއަދު ހުކުމް ކޮށްފި އެވެ.

ސިމާދު އަށް ވަޒީފާދޭން، ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި، އޭނާ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން މިހާތަނަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 212,210.36 (ދެ ލައްކަ ބާރަހާސް ދުއިސައްތަ ދިހަ ރުފިޔާ ތިރީސް ހަ ލާރި) ކޮންމެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދު ނުވާނެހެން ހަތަރުމަސްދުވަހުގެ ތެރޭގައި، ދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އަދި އޭނަ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް، ފާއިތުވި ދުވަސްތަކަކީ ވެސް ހިދުމަތުގެ މުއްދަތު ކަމަށް ބަލައި އެ މުއްދަތުގެ ތެރޭގައި މަގާމުގެ ކުރިއެރުމެއް ލިބެން ޖެހޭތޯ ބަލައި އެ ކުރިއެރުމެއް ދިނުމަށް ވެސް ކޯޓުގެ ހުކުމްގައިވެ އެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ސިމާދު ހައްޔަރު ކުރުމަށްފަހު ވަޒީފާއިން ވަކިކުރީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އިއުލާނު ކުރި ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރުމަށްފަހުގަ އެވެ.