ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގާފައިވީ ނަމަވެސް، އެ ދެބޭފުޅުންގެ މުސާރަ ނުހިނގާ ގޮތަށް އަދި ނިންމާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ދާދި ދެންމެ ވިދާޅުވީ އެދެބޭފުޅުންގެ މައްސަލަ ވެސް އަދި ގެންދަނީ ބަލަމުން ކަމަށެވެ.
"އެހެންވީމަ އަދި ވަކި ގޮތަކަށް ނުނިންމާ. އަދި އޮތް ގޮތުން ނަމަ މުސާރަ ހިނގާނެ." ހޫދު ވިދާޅުވި އެވެ.
މިނިސްޓަރު މަހުލޫފު ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓު އޭސީސީން އާންމުކުރި އިރު، މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެސްއޯއެފުން 33000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގަ އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމަ ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓު އޭސީސީން އާންމުކުރި އިރު، އަކްރަމްގެ އެކައުންޓަށް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގަ އެވެ.