އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު ޏ. ފުވައްމުލަކު، މައުނާ، އަބްދުއްﷲ އާޒިމް ވެސް ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު "ވަން އޮންލައިން"އަށް ވިދާޅުވީ އާޒިމް ގޭގައި މަޑުކުރަން އެންގީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، އޭސީސީން ނެރުނު ރިޕޯޓުގައި، އެސްއޯއެފްގެ އެކައުންޓުން އާޒިމްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގަ އެވެ.
"އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގައި މަޑުކުރަން އެންގީ." ހޫދު ވިދާޅުވި އެވެ.
އާޒިމް އައިލެންޑް އޭވިއޭޝަނުގެ ބޯޑަށް އާޒިމް އައްޔަން ކުރެއްވީ މި މަހުގެ ހަވަނަ ދުވަހު އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، އޭސީސީން ނެރުނުގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓުން އާޒިމްގެެ އެކައުންޓަށް ވަނީ 50،000 ޑޮލަރު ޖަމާކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު އޭސީސީން ނެރުނު ފަހުން، އެ ރިޕޯޓާ ގުޅިގެން ރައީސް ސޯލިހު ގެންދަވަނީ ރިޕޯޓުގައި ނަން ހުރި ސިޔާސީ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވަމުންނެވެ. އެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް މައްސަލަ ނިމެންދެން ގޭގައި މަޑުކުރައްވަން ކުރީން ވަނީ އަންގަވައިފަ އެވެ.
ރައީސް ސޯލިހު ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.