މިފަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވިޔަ ނުދިނުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ރޭވުންތައް ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާ ކަމަށެވެ. ޝިފާން އިތުރަށް ވިދާޅުވީ މިފަދަ ފަރާތްތަކުން ނުރައްކާތެރި ރޭވުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސަށް ލިބިފައިވާ ކަމަށާއި ފުލުހުންގެ ތަހުގީގަށްވެސް މިފަދަ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ތަންތަނުގައި ހުޅުޖެހުމާއި މީހުންގެ މުދަލަށް ގެއްލުންދިނުން ފަދަ ނުރައްކާތެރި އަމަލުތައް ރާވަމުންދާ ކަމަށް އެނގިފައިވާ ކަމަށެވެ.
"2012 ވަނަ އަހަރު ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު ހިންގި ފަދަ ބައެއް ކަންކަން (ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހުން، މީހުންގެ މުދަލަށް ގެއްލުންދިނުން، ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުން) ތަކުރާރުކުރަން ރާވަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ޝިފާން ވިދާޅުވީ "މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި އަދި މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ" ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންނާ މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ޝިފާން މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އަށްވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އަމަލުތައް ހިންގާފައިވާކަން ފާހަގަކޮށްލެވެ އެވެ.