ޚަބަރު

ފަލަސްތީނުގެ ބިމަށް ޔަހޫދީން ބާރުފޯރުވަނީ, މުސްލިމުންގެ އެކުވެރިކަން ނެތުމުން: ހުތުބާ

ދުނިޔޭގެ އެތަންމިތާނގައި އުޅޭ ޔަހޫދީން ފަލަސްތީނުގެ ބިމަށް ގެންގޮސް ވަޒަންވެރިކުރުވަމުން ދަނީ މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތުމުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ބައިތުލް މަގްސިދަކީ މުގައްދަސް ބިމެއް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ބައިތުލް މަގްދިސަކީ މާތް الله އެތައް ގޮތަކުން މާތްކުރައްވައި, އެތާނގެ ވަށައިގެން ބަރަކާތް ލައްވާފައިވާ މަތިވެރި މާތް ބިމެއް ކަމަށެވެ.

އެ ބަރަކާތްތެރި މުގައްދަސް ބިމުގެ މައްސަލަ, އިސްލާމީ އުންމަތުގެ ގަޟިއްޔާއަކަށް ނުވަނީ ކީއްވެތޯ ސުވާލުކޮށް ހުތުބާގައި ބުނީ, އެފަދަ މުގައްދަސް ބިމަކަށް ކާފިރުން އަރައި އެބިން ފޭރިގެންފި ނަމަ, އެ ބިމުގެ އަހުލުވެރިންގެ ކެކުޅުންތަކާއި ގިސްލުންތަކަށާއި ރުއިންތަކަށް އިޖާބަދޭންޖެހޭނެ ކަމަށެވެ. އަދި އެބިން މިނިވަންކުރުމަށްޓަކައި އެންމެހާ މުސްލިމުން އެކަތިގަނޑަކަށްވެ, މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ބުންޏެވެ.

ނަމަވެސް މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތުމުގެ ސަބަބުން މިއަދު ފެންނަމުންދަނީ ހުޅަނގުގެ ގައުމުތަކުގެ އެހީގައި, ހަތިޔާރާއި ތަމްރީނު ހޯދައި, ޔަހޫދީން ފަލަސްތީނުގެ ބިމަށް އެއްކުރާތަން ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާއި ބުނީ, ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށެވެ. ނަމަވެސް ގުދުސްގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށާއި ގުދުސަކީ މުސްލިމުންގެ އަދި ފަލަސްތީނު މީހުންގެ ބިމެއް ކަމަށާއި ޔަހޫދީންނާ ހަނގުރާމަކޮށް, އެމީހުންގެ މައްޗަށް ނަސްރު ލިބޭނެކަމުގެ ހެޔޮ ހަބަރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ފަލަސްތީނުގެ ކަންކޮޅުތަކުގައި ތިބި މުސްކުޅިންނާއި ހުވަފަތް ވެފައިވާ އަންހެނުންނާއި ޔަތީމުވެފައިވާ ކުދީންނާއި ކިރުބޯކުދީންގެ ކެކުޅުންތަކާއި ގިސްލުމުގެ އަޑު އަހަންޖެހޭ ކަމަށެވެ. އެ އަޑުތައް މުޖުތަމައުއަށް އިއްވަން ޖެހޭ ކަމަށާއި އެބައިމީހުންގެ އުދާސްތައް ފިލުވައި, އެބިމުގެ އަހުލުވެރިންގެ ޝުއޫރުތަކާއި ޖަޒުބާތުތަކަށް އިހުތިރާމްކުރަންޖެހޭ ކަމަށް ބުންޏެވެ.