ޚަބަރު

ފިލައިގެން ހަނގުރާމަތަކަށް ދިޔަ ދިވެހީން ރާއްޖެ އައުމަށް ދަނީ އެދެމުން: އެންސީޓީސީ

ޓެރަރިޒަމްގެ ނަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައިވާ ދިވެހިން އަލުން އެނބުރި ދިވެހި ރާއްޖެއަށް އައުމަށް އެދެމުން އަންނަ ކަމަށް ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދިފާއީ ބާރުގެ އެކި ދާއިރާތަކުގެ ކަންތައްތަކާބެހޭ މައުލޫމާތު އާންމުކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ (އެންސީޓީސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިގޮތުގައި، ޓެރަރިޒަމްގެ ނަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން މިހާތަނަށް 61 ދިވެހި ފިރިހެނުން ފިލައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އެގޮތަށް ފިލައިގެންދިޔަ ބައެއް މީހުންނާއެކު އާއިލާގެ މެންބަރުން ގޮސްފައިވާކަން ވެސް އެންސީޓީސީއަށް ވަނީ އެނގިފަ އެވެ.

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެމީހުން އެނބުރި ރާއްޖެ ގެނައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ، ފިލައިގެން ދިޔައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ އެއްވެސް ލިޔުމެއް ގެންގޮސްފައި ނުވާތީ ކަމަށެވެ.

"މިފަދަ ފަރާތްތަކުގެ އާއިލާތަކުން އަޅުގަނޑުމެންނަށް އެބަ އާދޭ އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އެދެމުން. ފާހަގަކޮށްލަން ޖެހޭ އެފަރާތްތަކުގެ އަތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔެކިޔުމެއްވެސް ނެތްކަން،" ޒަކަރިއްޔާ މަންސޫރު ވިދާޅިއެވެ.