ޝަހީދާ އަބްދުﷲ ސައީދު
ފެންކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް ގޭގައި މަޑުކުރަން ރައީސް އޮފީހުން އަންގައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމް ގޭގައި މަޑުކުރަން އަންގާފައި މިވަނީ އޭނާގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 6.1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކޮށްފައިވާ މައްސަލައިގައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ރިޕޯޓާއި ގުޅިގެން މައުސޫމް ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއިރު، މީގެކުރިން ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަކުރަމު ކަމާލުއްދީނަށް ވެސް ގޭގައި މަޑުކުރަން އަންގަވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މައުސޫމު ގޭގައި މަޑުކުރަން ރައީސް އެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކަމަށެވެ.
އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނެކޭ އެއް އުސޫލުން މައުސޫމުވެސް ގޭގައި މަޑުކުރަން އެންގެވީ ވަކި މުއްދަތެއް ކަނޑައެޅުއްވުމެއް ނެތި، މައްސަލަ ވަކިގޮތަކަށް ނިމެންދެން ކަމަށް ހޫދު ވިދާޅުވިއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ފައިސާއިން މަނީ ލޯންޑަރިން ހިންގި އެސްއޯފުން ފައިސާ ޖަމާކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި މައުސޫމްގެ ހިއްސާ އޮންނަ، ސީޓީޖީ އާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ.
ސީޓީޖީ ގައި މައުސޫމްގެ އިތުރުން ހިއްސާ އޮންނަނީ، އަބްދުﷲ ރާފިއު، މއ. ޝޭޑީ ކެބިން، އުމަރު ޖަމާލް، މއ. ތިނަދޫ، އާއި ސ. ހިތަދޫ މާހީ އަހްމަދު ޒާހިރެވެ.