ރިފާ ހަލީލު
ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގުތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގަމުންދާ ސްކިލްސް ފޯ އަ ރެޒެލިއެންޓް ވޯކްފޯސް ޕްރޮގްރާމުގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ތިން ފަރާތަކާ ހަވާލުކޮށްފިއެވެ.
އެ ތިން ފަރާތަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއެވެ.
މި ޕުރޮގުރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައިސީޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް ތިނެއް ހިމެނެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕުރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ސްކިލްސް ފޯ އަ ރެޒެލިއެންޓް ވޯކްފޯސްގެ ކޯސްތައް ހިންގަން ތިން ފަރާތަކާ ހަވާލުކުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި ގައުމު ކުރިއަށްދާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެން ކަމަށެވެ.
މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވި ތިން ފަރާތަށް މަރުހަބާ ދަންނަވާ ކަމަށާއި މިނިސްޓްރީއާއެކުގައި މީހުން ބިނާކުރުމަށް ދޭ އެއްބާރުލުމާއި ބަހައްޓާ ގާތްކަމަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންގެ ތާވަލާ އެއްކޮށް ކުރިއަށްގޮސް 350 ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމުގެ އުފާވެރި ހަފްލާ ތާވަލާ އެކީގައި ކުރިއަށްދާނެ ކަމަށް،" މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕުރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށް މިނިސްޓްރީން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ކޯސްތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
މިދިޔަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ ހަތަރު ފަރާތަކާ ހަވާލުކޮށް 565 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ. އޭގެ ތެރެއިން މިހާތަނަށް 83 ދަރިވަރުން ވަނީ ދަސްވެނިވެ ގައުމީ ސަނަދު ހާސިލުކޮށްފައެވެ.
މިއަދު އިއުލާން ކުރި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ.