ޚަބަރު

ހިޔާނާތުގެ ފައިސާ ދިންކަމަށް އޭސީސީ ރިޕޯޓްގައިވާ މޭޖާ ނަވީން އަށް ފިޔަވަޅު އަޅާނެ: ޗީފް އޮފް ޑިފެންސްފޯސް

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފައިވާ ރިޕޯޓްގައި، އެސްއޯއެފުން ޑޮލަރު ޖަމާކުރިކަމަށް ބުނެފައިވާ، މޭޖާ ނަވީން ޒުބެއިރާމެދު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދިފާއީ ބާރުގެ އެކި ސެކްޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ނޫސްވެރީންނަށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްްވަމުން މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މޭޖާ ނަވީން ޒުބެއިރު މިވަގުތު ހުންނެވީ ދެތިންހަފްތާގެ ވޯކްޝޮޕެއްގައި ރާއްޖެއިން ބޭރުގައި ކަމަށެވެ.

އެހެންކަމުން މިހާރުން މިހާރަށް އޭނައާ ސުވާލު ކުރުމަށް ލިމިޓޭޝަންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވީ، އެސްއޯއެފުގެ އެކައުންޓުން މޭޖާ ނަވީން ޒުބެއިރަށް ފައިސާ ޖަމާކޮށްފައިވާކަން އެނގުނީ އޭސީގެ ރިޕޯޓް ނެރުމުން ކަމަށެވެ.

"މޭޖާ ނަވީން ޒުބެއިރު މިވަގުތު ހުންނެވީ ވޯކްޝޮޕެއްގަ ރާއްޖެއިން ބޭރުގަ، ދެތިން ހަފްތާއެއްގެ ވޯކްޝޮޕެއްްގަ ހުންނެވީ، ރިޕޯޓް (އޭސީސީ)ގެ ނެރުނީމަ އަޅުގަނޑުމެންނަށް އެ ނަންފެނުނީ އެހެންވީމަ މިހާރުން މިހާރަށް ރާއްްޖޭން ބޭރުގަ ހުންނެވީމަ ސުވާލުކޮށް ކަންތައްކުރަން އެބަހުރި އަޅުގަނޑުމެންނަށް ބައެއް ލިމިޓޭޝަންތައް، އެހެންނަމަވެސް ހަމަ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ޕޮލިސީގެ ލެވެލްގަ އަޅުގަނޑުމެން އެ އަޅާގޮތަކަށް ފިޔަވަޅު އަޅާނެ،" ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މިދިޔަ ބުރާސްފަތި ދުވަހު އޭސީސީން ނެރުނު ރިޕޯޓްގައި އެސްއޯއެފްގެ އެކައުންޓުން މޭޖާ ނަވީން ޒުބެއިރަށް އެއްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވަނީ ހިމަނައިފަ އެވެ.