ޚަބަރު

ފަތުރުވެރިޔަކަށް އިހުމާލުވުމުން ދެ މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުންކުރި ހުކުމް، ހައި ކޯޓުން ބާތިލުކޮށްފި

މުހައްމަދު އިޝާން

ފަތުރުވެރިއަކަށް އިހުމާލުވުމުގެ ސަބަބުން ދެ މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުންކުރި ހުކުމް، އިއްޔެ ހައި ކޯޓުން ބާތިލުކޮށްފިއެވެ.

ދެހާސް ދިހަވަނަ އަހަރުގެ ސެފްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެމޭންޑާ ޖޭން ނާސް އަދާރަން ރަންނާޅި ރިސޯޓަށް ޗުއްޓީއަށް އައިސްފައިވެއެވެ. އޭގެ ދެ ދުވަސް ފަހުން އެމޭންޑާ އެ ރިސޯޓުގެ ވޯޓާ ވިލާއަކަށް ދިއުމަށް ހާއްސަކުރެވިފައިވާ ހިނގާ ސަރަހައްދަކުން ހިނގާފައި ދަނިކޮށް އެމޭންޑާ ގައިގައި ވަނީ ކަރަންޓު ޖެހިފައެވެ.

ކަރަންޓު ޖެހުމުގެ ހާދިސާއާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދަން އެމޭންޑާ ވަނީ އިނގިރޭސިވިލާތުގެ ނޯތުހެމްޓަން ކައުންޓީ ކޯޓުގައި ދައުވާކޮށްފައެވެ. އެމެންޑާ ދައުވާކުރީ އޭނާ ރާއްޖެއަށް ގެނައި ޓްރެވަލް އެޖެންސީ ސަންސްޕޮޓްއާ ދެކޮޅަށެވެ. ނޯތުހެމްޓަން ކައުންޓީ ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ އެމެންޑާއަށް ގެއްލުމުގެ ބަދަލުދިނުން ހައްގު ކަމަށާއި، ބަދަލުގެ ގޮތުގައި އޭނާއަށް 7،528.36 ބްރިޓިސް ޕައުންޓް ( 1،581،29.49) ރުފިޔާ ނަގައި ދިނުމަށެވެ. ސަންސްޕޮޓުގެ ފަރާތުން ވަނީ އެ ފައިސާ ދައްކައި ހަލާސްކޮށްފައެވެ.

އެ ފައިސާ ދައްކައި ހަލާސްކުރުމަށް ފަހު ސަންސްޕޮޓުގެ ފަރާތުން ވަނީ އަދާރަން ރިސޯޓު ހިންގާ ޖެޓަންސްގެ މައްޗަށް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެ ދައުވާކުރީ ރިސޯޓުގެ ފަރާތުން ވި އިހުމާލެއްގެ ސަބަބުން ސަންސްޕޮޓަށް މާލީ ގެއްލުންވެފައިވާތީ ކަމަށް ބުނެއެވެ. ސަންސްޕޮޓުން ސިވިލް ކޯޓުގައި އެދުނީ ޖެޓަންސްގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 114،008.06 ބްރިޓިޝް ޕައުންޑް (2،394،743.46) ރުފިޔާ ނަގައި ދިނުމަށެވެ. އެއީ އިނގިރޭސިވިލާތުގެ ކޯޓަށް ދިޔުމަށާއި އެ މައްސަލައިގެ ވަކީލުން ފީ ހިމަނައިގެންނެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ، ސަންސްޕޮޓުން އެދިފައިވާ ގެއްލުމުގެ ބަދަލަކީ ޖެޓަންސްއިން ދޭން ޖެހޭ ފައިސާ ކަމަށްވުމުން އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

އެ ހުކުމާމެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން ޖެޓަންސްގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އިސްތިއުނާފީ ނުކުތާކުގައި ޖެޓަންސްއިން ބުނެފައިވަނީ، ސިވިލް ކޯޓަށް ސަންސްޕޮޓަށް މައްސަލަ ހުށަހަޅާފައިވަނީ އަހަރުތަކެއް ފަހުން ކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށާއި ހައި ކޯޓުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވާ ގަޒިއްޔާތަކާ ހިލާފަށް ކަމަށެވެ. ހަތަރު ވަނަ ނުކުތާގައި ބުނެފައިވަނީ ވަކީލުންގެ ފީއަށް ޖެޓަންސްއިން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އެންމެ ފަހު އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމީ ޖެޓަންސްގެ ފަރާތުން ހުށަހެޅި ހެކިވެރިން ހާޒިރު ނުކޮށް ކަމަށެވެ.

އެ ނުކުތާތަކާ ގުޅިގެން ސަންސްޕޮޓުން ބުނެފައިވަނީ، އަހަރުތަކެއް ފަހުން މައްސަލަ ހުށަހެޅުމަކީ އިންސާފު ނުލިބޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނާއި ހައި ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ސިވިލްކޯޓަށް ސަންސްޕޮޓުގެ ފަރާތުން ހުށަހެޅި ދައުވާއަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށްވުމުން، ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރާ ކަމަށެވެ.

އެގޮތަށް ހައި ކޯޓުން ހުކުމްކުރީ، ނޯތުހެމްޓަން ކައުންޓީ ކޯޓަށް ސަންސްޕޮޓުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފަތުރުވެރިޔާގެ ގައިގައި ކަރަންޓު ޖެހުނީ ރިސޯޓުގެ އިހުމާލުން ނޫންކަން އެނގޭތީ ކަމަށެވެ. ފަތުރުވެރިޔާގެ ގައިގައި ކަރަންޓު ޖެހިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ހަލާކުވެފައިވާ ކޭބަލަކުން ކަމަށާއި، އަދި އެއީ ވިއްސާރަ މޫސުންތަކުގައި އާއްމުކޮށް ދިމާވާ ކަމެއްކަމަށް އެ ލިޔެކިޔުންތަކުގައި ބުނެފައިވުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ސަންސްޕޮޓުން ނޯތުހެމްޓަން ކައުންޓީ ކޯޓުގައި ދެއްކި ވާހަކަތަކާ އިދިކޮޅަށް ސިވިލް ކޯޓުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ. ކޯޓުތަކަށް އިންސާފު ހޯދަން އަންނަންވާނީ ތެދުވެރި ސާފު ނިޔަތާއެކުކަމަށް ހުކުމުގައި ބުންޏެވެ. ސަންސްޕޮޓުގެ ފަރާތުން ސިވިލް ކޯޓުގައި ދޮގު ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައި ބުންޏެވެ. އެހެންކަމުން ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދުއެވެ.