ޚަބަރު

ޔޫއޭއީގެ ޑިފެންސް މިނިސްޓަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ބިން އަހުމަދު އަލް ބޮވާދީއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވަނީ ޔޫއޭއީގެ ޑިފެންސް މިނިސްޓަރާއި ބައްދަލު ވާނެ ފުރުސަތު ލިބުމުން އުފާވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ޑިފެންސް މިނިސްޓަރުންގެ ދެމެދު ވަނީ ދެގައުމުގެ ދިފާއީ ބާރު އެކުއެކީ މަސައްކަތް ކުރެވޭނެ އެކި ކަންކަމާމެދު މަޝްވަރާ ކުރުމުގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމާއި ޑީރެޑިކަލައިޒޭޝަނާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ޔޫއޭއީގެ ޑިފެންސް މިނިސްޓަރު ވަނީ ޔޫއޭއީ އިން ގެންގުޅޭ ޓޮލަރެންސް ޕޮލިސީތައް ހިއްސާކުރައްވާފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އަމާންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަންކަން ނޭނގުމެވެ. އަދި ހައްލަކީ އުނގެނުމާއި އުނގަންނައި ދިނުންކަމަށް ޔޫއޭއީގެ ޑިފެންސް މިނިސްޓަރު ވިދާޅުވިކަމަށެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓަރާއި މާރިއާ ބައްދަލު ކުރައްވާފައި ވަނީ އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.