ރިފާ ހަލީލު
ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަޝްރޫއަކީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކާ ސަރުކާރުން ވާދަކުރުމުގެ ނިޔަތުގައި ފެށި މަޝްރޫއެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ މިއަދު ސަބްމެރިން ކޭބަލް އެޅުމަށް އިންޑިއާގެ ރިލައަންސް ޖިއޯ ކުންފުންޏާ ހަވާލުކުރުމަށް ކްރޮސްރޯޑުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން، ރާއްޖޭގައި މުއާސަލާތީ ހިދުމަތްތައް ދޭން ކުރަން ޖެހޭ އިންވެސްޓްމަންޓު ބޮޑުކަމަށާއި އެހެންކަމުން ހިދުމަތުގެ އަގުވެސް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން މި ކޭބަލް އަޅައި ނިމުމުން އިންޓަނެޓުގެ އަގު މިހާރަށްވުރެން ހެޔޮވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން މިއީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ އަމިއްލަ ކުންފުނިތަކާ ވާދަކުރަން ކުރާ ކަމެއް ނޫން ކަމަށާއި އެ ކަމަކު މިއީ ރާއްޖޭގައި ދޭ މުއާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ކޮންޓްރޯލް ކުރާ ކޭބަލެއް އެޅުމުން އިންޓަނެޓުގެ ހިދުމަތާއި މުއާސަލާތީ އެހެނިހެން ހިދުމަތުގެ އަގު ވަރަށް ބޮޑަށް ކުޑަވެގެންދާނެ. މި ކޭބަލް ގާއިމު ކުރެވުމާއެކު ކޮންމެ އައިއެސްޕީއަކަށް ވެސް އަޅުގަނޑުމެންގެ އަތުން އަގުހެޔޮ، ހަލުވި އިންޓަނެޓު ގަންނަން ލިބޭނެ، ލައިސެންސް އޮންނަ ކޮންމެ ކުންފުންޏަކަށް މި ކޭބަލްގެ ބޭންޑްވިތު ގަންނަން ލިބޭނެ." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މި ކޭބަލް އަކީ ހަމަ އެކަނި އިންޓަނެޓުގެ ހިދުމަތް އަގުހެޔޮ ކުރުމަށް އެކަނި ހިންގާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގުތިސާދު ފުޅާ ކުރުމަށް އެޅެނޭ ބޮޑު ބާރަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން ކޭބަލް މެދުވެރިކޮށް އިންޑިއާ އާއި ސިންގަޕޫރާ ސީދާ ގުޅާލެވުމަކީ، ޒުވާނުންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށްވާނެ ކަމެއް ކަމަށެވެ. އަދި ކޭބަލުގެ ޒަރީއާއިން މި ސަރަހައްދުގައި ހުރި އެންމެ ބޮޑު ޑޭޓާ ސެންޓަރުތަކާއި، އިންޓަނެޓު އެކްސްޗޭންޖުތައް ހުރި، މުމްބާއި އާއި ސިންގަޕޫރަށް ރާއްޖެ ސީދާ ގުޅާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އުއްމީދަކީ ބޭރު ގައުމުތަކަށް އިންޓަނެޓު ވިއްކުން ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއަށް ގުޅުވާލަނީ، ރިލަޔަންސް ޖިއޯ އިން ގާއިމުކުރަމުން އަންނަ ޖުމުލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ކޭބަލްގެ ކޮޅެކެވެ.