ރިފާ ހަލީލު
ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ބިލިއަނަރު، މުކޭޝް އަމްބާނީގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ސަބްމެރިން ކޭބަލް އަޅަން ހަވަލުކޮށްފައިވަނީ ރިލިއަޔަންސް ޖިއޯ ކުންފުންޏާ އެވެ. މި މަޝްރޫއުގައި ރާއްޖެ ތަމްސީލު ކުރާނީ، ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ އޯޝަން ކަނެކްޓު މޯލްޑިވްސް އިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މިކަމަށްޓަކައި ކްރޮސްރޯޑު މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރެވެ. ރިލަޔަންސް ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް މެތިއު އޫމަން އެވެ.
ރާއްޖެއަށް ގުޅުވާލަނީ، ރިލަޔަންސް ޖިއޯ އިން ގާއިމުކުރަމުން އަންނަ ޖުމުލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ކޭބަލްގެ ކޮޅެކެވެ.
ރާއްޖޭގައި ދޭ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް އިތުރު ސަބްމެރިން ކޭބަލެއް އަޅަން ޖެހޭ ކަމަށް މީގެ ކުރިން ކަމާ ގުޅޭ އިދަރާތަކުގެ ވެރިން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް އިންޓަނެޓުގެ އަގު ހެޔޮކޮށްފައިވާއިރު މިއަށްވުރެންވެސް އަގު ދަށް ކުރެވޭނީ ސަބްމެރިން ކޭބަލެއް އެޅުމުން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފަ އެވެ.