ޚަބަރު

އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގެ ޑީން ކަމަށް ޑރ. ޝީޒާ ހަމަޖައްސައިފި

މުހައްމަދު އައުޒަމް

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަލަށް އުފެއްދި ސްކޫލް އޮފް މެޑިސިންގެ ޑީން ކަމަށް ޑރ. ޝީޒާ އަލީ ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑީން ކަމުގެ މަގާމުން ޑރ. ޝީޒާއާ ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ.

މިހާތަނަށް ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. ޝީޒާ ވަނީ މީގެ 23 އަހަރު ކުރިން އެމްބީބީއެސް ފުރިހަމަ ކުރައްވާފައެވެ. އަދި އެއަށްފަހު ބިޒްނަސް މެނޭޖްމަންޓު ދާއިރާއިން އޭނާ ވަނީ މާސްޓާސް ވެސް ފުރިހަމަ ކުރައްވާފައެވެ.

ޑރ. ޝީޒާ އަކީ އައިޖީއެމްއެޗުގައި ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. ޝީޒާ މިއަދު ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދޭނެ އެއް ކަމަަކީ ސްކޫލް އޮފް މެޑިސިންގައި އެންރޯލްކުރެވޭ ދަރިވަރުންނަކީ ކާމިޔާބުކަމާއެކީ ކޯސް ފުރިހަމަކުރާނެ ދަރިވަރުންނަށް ހެދުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލް އޮފް މެޑިސިން އަލަށް ފަށާއިރު ގޮންޖެހުންތަކެއް ހުރިނަމަވެސް އުންމީދަކީ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ތަމްރީނު ކުރާތަނަކަށް އެތަން ހެދުން ކަމަށެވެ.

ސްކޫލް އޮފް މެޑިސިންގެ ކްލާސްތައް ކުރިއަށްގެންދާނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ތިރީސް ހަތް ދަރިވަރުންނާ އެކު އެމްބީބީއެސްގެ ފުރަތަމަ ބެޗުގެ ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ފަވާޒު މިއަދު ވިދާޅުވިއެވެ.