ލައިފް ސްޓައިލް

ދުވަސް ހޭދަ ކުރާނެ ގޮތުގެ ތާވަލެއް ނޫނީ ރޭވުމެއް އެބައޮތްތަ؟ މިކަންކަން ޓެސްޓް ކޮށްލަމާ!

މަރިޔަމް ޝަފާ އިބްރާހިމް

ދުވަހުގެ ތާވަލެއް ކޮންމެހެން މުހިންމުތަ؟

ކޮންމެ ދުވަހަކަށް އިރުއަރައިގެން ގޮސް އިރު އޮއްސި ރޭގަނޑު ވޭތުވެ އަނެއް ދުވަހާ ހަމައަށް ދާއިރު ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވުނުކަމާ މެދު ސުވާލު އުފެދޭ ހެއްޔެވެ؟ ނުވަތަ ކުރަން ޖެހިފަ އޮތް ކަންތައްތައް އެންމެ ފުރިހަމައަށް ކުރެވުނު ހެއްޔެވެ؟ ފުރިހަމައަށް ނުކުރެވުނު ނަމަވެސް ހިތްހަމަޖެހޭ ވަރުވިހެއްޔެވެ؟ މިސުވާލުތައް އަމިއްލަ ނަފުސާ ކޮށްލުމުން ލިބުނީ ކޮން ޖަވާބެއް ހެއްޔެވެ؟

ކޮންމެ މީހަކީ ޑައިރީ ގެންގުޅޭނެ މީހަކަށް ނުވެދާނެއެވެ. އަދި ކޮންމެ މީހަކު ކޮންމެ ދުވަހެއްގެ ކަންތައް ނޯޓު ނުކޮށްފާނެއެވެ. އެހެންނަމަވެސް މަދުވެގެން ހަފުތާއަކު އެއް ފަހަރު ނަމަވެސް ތިމާގެ ނަފުސު ހިސާބުކޮށްލުން ބުއްދިވެރިކަމަކަށް ނުވޭބާވައެވެ. ކޮންމެހެން ފޮތަކާއި ގަލަމަކާ ނެތަސް އަމިއްލަ ސިކުނޑީގައިވެސް ރޭވުމެއް ރައްކާ ކުރެވިދާނެއެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ގޮސް ގޭތެރޭގެ ކަންތައްތަކާއެކު ހޭލަމޭލަވެ އުޅޭ މީހުންގެ ތެރޭގައި ނޯޓު ފޮތް ނުގެންގުޅެވޭ ނުވަތަ ފޯނުގައިވެސް މިފަދަ ކުޑަކުޑަ 'ހަނދާންއާކުރުމަށް' އެލާމެއް ލިޔެލާނެ ވަގުތު ނުވާ ނުވަތަ މިކަމާ ނޫޅެވޭނެ މީހުން ތިބެދާނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ އޭނައަށް ދުވަހުގެ ތާވަލެއް ރޭވުން އެއީ ނުވާނެވަރުގެ ކަމަކަށްވީއެއް ނޫނެވެ. އެފަދަ މީހުންނަށްވެސް މިފަދަ ކަމެއް ކުރެވޭނެ ގޮތްތަކެއް ހުންނާނެއެވެ.

މިސާލަކަށް ދުވަހުގެ ހުރިހާ ކަމަކުން ނިމިގެން އަރާމުކޮށްލަން އޮށޯވެލާ ވަގުތު ހިތްހަމަޖައްސާލުމަށް ޓީވީން އެއްޗެއް ބަލައިލުން ނޫނީ ގޭމެއް ކުޅެލުން ކަހަލަ ކަމެއް ކުރާ މީހެކެވެ. އެވަގުތުކޮޅު އަރާމު ކޮށްލުމަށްފަހު ތެދުވެ މާދަމާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، އޮފީހަށް ނުވަތަ މަސައްކަތު ދާނެ ހެދުން އިސްތިރިކޮށް އަދި ނުކޮށްވިޔަސް ނަގައި ބޭއްވިދާނެއެވެ. އާއިލާއެއް އޮތިއްޔާ އެހުރިހާ ކަމަކުން ނިމިގެން ރޭގަނޑުގެ ނިދުމާ ހަމައަށް އާދެވުމުން ނިދަން ތައްޔާރުވެގެން އެނދަށް އަރާށެވެ. ނިދުމުގެ ކުރިން މިއަދު ކަންތައް ކުރިއަށް ދިޔަގޮތް ސިކުނޑީގެ ތެރޭގައި އަނބުރާލެވިދާނެއެވެ. އަދި ފުރިހަމަ ނުކޮށް ދޫކޮށްލެވުނު ކަންތައްތަކާމެދު ވިސްނާލާށެވެ. އަދި މާދަމާގެ މުހިންމު ބޮޑެތި ކަންތަކަށް ގޮތްތަކެއް ރޭވިދާނެއެވެ. ނިދުމަށް ލޮލާއި ސިކުނޑި އެއްބަސްނުވަންޏާ ފޮތެއް ކިޔިދާނެއެވެ. ނުވަތަ ވާހަކައެއް އަޑު އަހާލެވޭނެއެވެ. ނުވަތަ ލޯ މަރާލުމަށްފަހު ތިމާގެ ހަޔާތުގައި އެގޮތަކަށް ވާން ބޭނުންވެ ނުވި ކަންތައްތައް ހުވަފެނެއްގެ ގޮތުގައި ހަނދާނަށް ގެނައުމަށްފަހު، ތިމާ ބޭނުންވާ ކަހަލަ މީހެއްގެ ގޮތުގައި ތިމާއަށް ތަސައްވުރު ކުރެވިދާނެއެވެ. އެއާއެކު އިސާހިތަކު އެސްފިޔަތައް ބަރުވެލޯމެރި ނިދީގެ ތެރެއަށް ދެވިދާނެއެވެ.

ހަގީގަތުގައި އެންމެ ރަނގަޅު އަދި އެންމެ ކާމިޔާބު ގޮތަކީ ކޮންމެ ރެއަކު ނިދުމުގެ ކުރިން އަމިއްލަ ނަފުސު ހުލާސާއެއް ކޮށްލުމެވެ. އަދި ހަފުތާއަކު އެއްރޭ ނަމަވެސް ނަފުސު ދިރާސާކޮށްލުމަކީ ހަމަ އެންމެ ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމެއްކަން ޔަގީނެވެ. މީގެ ހެއްކަކީ މިކަމާ ބެހޭ ގޮތުން ކުރެވިފައިވާ އަމިއްލަ ތަޖުރިބާގެ އިތުރުން މިކަން ތަޖުރިބާކޮށްފައި ތިބި އެތައް ބައެއްގެ ޔަގީންކަމުގެ ބަހާއި ހަމައެހެންމެ މިފަދަ ކަންތަކަށް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިފަދަ ދިރާސާތައް ކުރެވި ނެރެފައިވާ ނަތީޖާތަކެވެ.

ދުވަސް ހޭދަކުރާނެ ގޮތުގެ ތާވަލެއް މުހިންމުތަ؟

ދުނިޔޭގެ އެންމެ ކާމިޔާބު، ނަން މަޝްހޫރު މީހުންގެ ތެރެއިން، ސްޓީވްޖޮބްސް، އާނެސްޓްހެމިންވޭ، ބެންޔަމިން ފްރެންކްލިން، އެލަންމަސްކް ފަދަ އެތައް ބަޔަކު ދުވަސްހޭދަކުރާނެ ގޮތުގެ ތާވަލެއް ގެންގުޅެއެވެ.

މިފަދަ ތާވަލެއްގެ ސަބަބުން ހަމަހަމަ އަމާން ދުޅަހެޔޮ ދިރިއުޅުމެއް ލިބިދެއެވެ. ސިއްހަތާއި އާއިލާއާއި ވަޒީފާގެ ކުރިއެރުމަށްވެސް މިތާވަލު އެހީތެރިވެދެއެވެ. އެމެރިކާގެ ހައިސްކޫލެއްގެ ދަރިވަރުންނާއި އޮފީސްތަކެއްގެ މުވައްޒަފުން ހިމަނައިގެން ކުރި ދިރާސާތަކަކުން ދައްކާ ގޮތުގައި %28 އަކީ ވިސްނުމުގެ ދާއިރާގައި ދުވަސްހޭދަކުރުމުގެ ތާވަލު ރާވާ މިހުންނެވެ. %63 އަކީ ފޯނާއި ޑައިރީ ނުވަތަ ނޯޓުފޮތް ކަހަލަ އެއްޗެހީގައި ތާވަލު ކުރާ މީހުންނެވެ. ބާކީ %7 މީހުންނަކީ މިފަދަ އެއްވެސް ކަމެއް ކުރާ ބައެއް ނޫނެވެ. މި ދިރާސާގައި ނަފުސު ހިސާބުކުރުމާއި ދުވަސް ހޭދަކުރާނެ ގޮތް ތާވަލުކުރުމުގެ އިތުރަށް ކޮންމެ ހަފުތާއަކު ނޫނީ ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަށް ނަމަވެސް ނަފުސަށް ވަނަދިނުމާއި އަދަބުގެ ގޮތުގައި ކޮންމެވެސް ކަހަލަ ޓާސްކެއް ފުރިހަމަ ކުރުން ކަހަލަ ކަންތައް ކުރުން އޮތެވެ.

ތާވަލެއް ރާވާނީ ކިހިނެއްތަ؟

ދުވަސް ހޭދަކުރާނެ ގޮތުގެ ތާވަލެއް ރޭވުމުގައި ބައެއް ކަހަލަ މުހިންމު ކަންތައްތައް ކޮންމެހެންވެސް އެތާވަލުގައި ހިމަނަން ޖެހެއެވެ. ތަފާތު އެކި މީހުންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ތަފާތު ގޮތްތަކަށް ކަމަށްވާތީ، އެމީހެއްގެ ދުވަސް ހޭދަ ކުރާނެ ގޮތް ތާވަލުކުރާނީ ކޮންމެ މީހަކުވެސް އަމިއްލައަށެވެ. ކޮންމެ ދުވަހަކު ފަތިހު ހޭލުމުން ފަށައިގަންނަ ދުވަހުގެ އެންމެ ފުރަތަމަ ކުރަން ޖެހޭކަމަކީ ކޮބައިތޯ ތާވަލު ކުރާއިރު، ތިމާއަށް މުހިންމު ކަންތައް ކުރީގައި ހިމަނައިގެން ތާވަލު ކުރާށެވެ. ކޮންމެ ތާވަލެއް ރޭވުމުގައިވެސް ކޮންމެހެންވެސް ހިމެނެން ޖެހޭ ބައިތަކެއް ހުރެއެވެ.

  • އެންމެ ރަނގަޅަށް ވަގުތުގެ ބޭނުން ހިފުން. ކޮންމެ ކަމެއް ކުރުމަށްވެސް ކަނޑައެޅޭ ވަގުތެއް އޮންނަން ޖެހޭނެ. ފެށޭ ވަގުތަކާއި ނިމޭ ވަގުތެއް އޮތުން
  • ނަފުސުގެ އަހުލާގު ހިފެހެއްޓުން. ގޯސް ނުރަނގަޅު އާދަތަކުން ދުރުވެ ފައިދާ ހުންނަ ރަނގަޅު ސުލޫކެއް ގެންގުޅުން.
  • ސަމާލުކަން ދިނުން. ބޭކާރު އެއްވެސް ކަމަކަށް ސަމާލުކަން ދިނުމުން ދުރުވެ މުހިންމު ކަންތަކާމެދު ފަރުވާތެރިވުން.
  • ދުޅަހެޔޮ ހަމަހަމަ ތާވަލެއް މުހިންމު. ކެއުން ބުއިން ފަދަ ތަކެތި ދުޅަހެޔޮ ގޮތަކަށް ތައްޔާރުކުރުން.
  • އަމިއްލަ ނަފުސު ދެނެގަތުން. ތިމާގެ ނަފުސުގެ ބަލިފަޔާއި ގަދަކަންތައްތައް ދެނެގަތުން.

މިފަދަ މުހިންމު ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ތައްޔާރުކުރާ ތާވަލަކީ ކޮންމެ ދުވަހަކު އާ ކުރަން ޖެހޭ އެއްޗެއް ނޫނެވެ. ހާއްސަ ފުރިހަމަ ތާވަލަކީ އަބަދުވެސް ކޮންމެ ދުވަހަކުވެސް އާދަވެ ކަންތައް ކުރާނެ ގޮތުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. ނަމަވެސް ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. އެހެންކަމުން، ދުވަސް ހޭދަކުރުމުގެ މައި ތާވަލުގެ ދަށަށް ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަންތަކާއި ގަޑިތަކާއި މުހިންމު ނުކުތާތައް، އެދުވަހުގެ ތާރީހާއެކު ނޯޓު ކުރެވިދާނެއެވެ. ގޭގައި 'މަސައްކަތު ބޯޑެއް' ބެހެއްޓިދާނެއެވެ. އޭގައި މުހިންމު ކަންތައްތައް ފެންނާނެހެން ހަރުކުރެވިދާނެއެވެ.

  • ރަސްމީ ތާވަލުގައި ކޮންމެހެންވެސް ހިމެނުން މުހިންމު ކަންތައްތަކުގެ ތެރޭގައި
  • ކޮންމެ ދުވަހަކުވެސް އާދަވެ ނިދާހޭލާ އެއްގަޑިއެއްގައި ތެދުވުން. އަދި ހަމަ ކޮންމެ ރެއަކުވެސް އަބަދުމެ ނިދާ އެއްގަޑިއެއްގަ ނިދޭތޯބެލުން
  • ހޭލެވުމާއެކު 'ބެޑްކޮފީ'އެއް ނޫނެވެ. 'ބެޑްވޯޓާ' ފެންތަށްޓެއް ބޯލާށެވެ.
  • ނިދާ ތަންމަތި ފޮޅައި ސާފުކޮށް ރީތިކޮށް ތަންމަތި އެޅުން. ރޭގަނޑު ނިދުމުގެ ކުރިން ފޮތިގަނޑަކުން ނުވަތަ ފޮޅާއެއްޗަކުން ވިޔަސް ތަންމަތި ފޮޅާލުން. އެނދުމިލަފޭއްޔާއި ބާލިހުއުރަ ބަދަލުކުރާ ދުވަހު، ވެގެންވަންޏާ އިސްތިރިކޮށް، މީރުވަސް ދުވާގޮތް ހެދިދާނެ. މީރުވަހަކީ ހަމައެކަނި ބޭރަށް ތަންތަނަށް ދާއިރު ގައިގައި ހާކާ އެއްޗަކަށް ނަހަދާށެވެ. ދިރާސާތަކުން ދައްކާގޮތުގައި ނިދާހެދުމާއި ނިދާ ތަންމަތި ރީތިކޮށް މީރުވަސް ދުވުމުން ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮ ވެދެއެވެ.
  • ދުވަހުގެ މަސައްކަތަށް ދިއުމުގެ ނުވަތަ ފެށުމުގެ ކުރިން، ގަޑީގެ މަދުވެގެން ފަސްމިނިޓް ކުރިން އެތަނަކަށް ހާޒިރުވުން، އަދި މަސައްކަތަށް ފެށުމުގެ ކުރިން ދުވަހުގެ މަސައްކަތް ދާނެ ގޮތުގެ ކުޑަކުޑަ ހުލާސާއެއްކޮށް މަސައްކަތަށް ތައްޔާރުވުން.
  • ކޮންމެ ދުވަހަކުވެސް ކަނޑައެޅޭ ވަގުތެއްގައި ކަސްރަތު ކުރުން.
  • ސިއްހަތަށް ފައިދާ ހުރި ދުޅަހެޔޮ ނާސްތާތައް ކެއުން. ހައިބަނޑާ ނުހުރުން.
  • މަސައްކަތު ވަގުތުގެ ތެރޭގައި ކުދިކުދި ހުސްވަގުތުކޮޅުތައް މަސައްކަތުން އެއްފަރާތަށް ޖެހުމަށް ހޯދުން.
  • އެނބުރި ގެއަށް އައުމާއެކު ގޭތެރޭގެ މަސައްކަތަށް ފެށުމުގެ ކުރިން ކުޑަވަގުތުކޮޅަކު އަރާމުކޮށްލުން.
  • ގޭގެ އަނތްބެއް ނުވަތަ މަންމައެއް ނަމަ ގޭގައި، ނުވަތަ ކުދިންނާއެކު ވަގުތުހޭދަކުރުމަށް ހަމަ މިތާވަލުގައި މިއޮތް ގޮތަށް އަމަލު ކުރެވޭނެ. މީގަ މިބުނާ މަސައްކަތް ނުވަތަ ވަޒީފާއަކީ ގޭތެރޭގެ ކަންތައްތައް....
  • ރެއާއިދުވާލުން އެއްފަހަރު ނަމަވެސް ހޫނު ފެނުން، ވެގެންވާނަމަ ހޫނުމާފެނުން ފެންވަރައި، މެރިޓޭޓްކުރާ ބައްތިއެއްގެ ވަހުން ހިތްހަމަޖެހުން ހޯދާލާށެވެ.
  • ރޭގަނޑު ނިދުމުގެ ކުރިން ދަތްއުނގުޅައި، އަތްފަޔާއިމޫނު ދޮވެ، ވުޟޫ ކޮށްލުން.

ކޮންމެއަކަސް ހަމަޖެހޭ އުފާވެރި ހަޔާތެއް ވޭތުކުރާ ކާމިޔާބު މީހުންގެ ދިރިއުޅުމުގެ ސިއްރަކީ ހަމައެކަނި ބައިވަރު ފައިސާ ނުވަތަ މުދާތަކެއް ނޫނެވެ. އަދި ހަމަ ވަރަށް މޮޅު އިލްމި ފާހެއް ވެސް ނޫނެވެ. ވަރަށް އާދައިގެ އާދައަކުންވެސް މީހާއަށް ހިތްހަމަޖެހުން ހޯދިދާނެއެވެ. ދުނިޔޭގައި އުޅޭ އެންމެ މުއްސަނދި މީހާއަކީ ރީތި ނަފުސަކާއި އުފާވެރި ހިތްހަމަޖެހޭ ހަޔާތެއް ވޭތު ކުރާ މީހާއެވެ. ހަމައެހެންމެ ހިތްހަމަޖެހޭ ހަޔާތެއް ލިބިގަތުމަށްޓަކައި ދަތިއުނދަގޫ ކަންތަކުގެ ތެރެއިންވެސް ތިމާގެ ހެޔޮލަފާ ބޭނުންތެރި އާދަތައް ދޫނުކޮށް އެކަންތަކުގައި ދެމިހުންނަން ޖެހެއެވެ. އަދި ތިމާގެ ނަފުސު ދެނެގަނެގެން ނޫނީ ތިމާ ތިމާއަކަށް ނުވާނެއެވެ. އަމިއްލަ ނަފުސުގެ ޝަހުސިއްޔަތަކީ އެންމެ ވަރުގަދަ ބާރެވެ. އެމަގާމު ހޯދުމަށް ވަކި ދާއިރާއަކުން ފާހެއް އޮންނާކަށް ނުޖެހެއެވެ. އެހެނީ ތިމާގެ ނަފުސުގެ ހިތްހަމަޖެހުމަކީ ތިމާ ހޯދީމާ ލިބޭ އެއްޗަކަށް ވާތީއެވެ. އެއީ އެއްވެސް މީހަކަށް ނުވަތަ މަގާމަކަށް ކޮށްދެވޭނެ ކަމެެއް ނޫމެވެ. ހުދު ތިމާއަކީ ތިމާގެ އަމިއްލަ ނަފުސުގެ ވެރިޔާކަމުގައި ވާށެވެ. އެހެން އެއްވެސް މީހަކަށް ތިމާގެ އާރާއި ބާރުގެ ޕިންކޯޑު، ނުވަތަ ސެކިއުރިޓީ ކޯޑު ނުދޭށެވެ. އޭރުން ހަމަޔަގީނުންވެސް ތިމާގެ ނަފުސަށް ބާރުފޯރުވާނީ ހަމަތިމާއެވެ.