ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދާ ހިލާފަށް އެފަދަ އުފެއްދުންތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި ގާތުންކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުން ވިއްކަން ވާނީ އެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރިގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާ ހިލާފަށް އެފަތަ ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ގަވާއިދެއް ހަދާފައިވުމުގެ މަގުސަދަކީ ޅަފަތުގެ ކުދިން އަދި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ސިއްހަތަށާއި ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ދޭ ބާވަތްތައް މާކެޓުގައި ވިއްކަން ބެހެއްޓުމުގައި އެ ގަވާއިދުގައިވާ ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާން ޖެހޭނެ ކަމަށެވެ.
އެ ގަވާއިދުގައިވާ ބަޔާންކޮށްފައިވާ ކަންކަމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި މިންގަޑުތަކާއި ހިލާފަށް އެފަދަ ތަކެތި ވިއްކަމުންދާކަން އިންސްޕެކްޝަނުން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއެފްއިން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް އެފަދަ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އެ ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމާނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. އަދި އުފެއްދުންތައް ގަވާއިދާ ހިލާފަށް ވިއްކާ ފަރާތްތަކުގެ ލައިސަންސާއި ހުއްދަ ހިފެހެއްޓުމުގެ ބާރު ވެސް އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.