ފުވައްމުލަކު ސިޓީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 10:16 ހާއިރު ފުވައްމުލަކު ފުނާޑު ފާކު ކައިރިން ތާރު މަގުން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ދެ ފިރިހެނުންނާއި އަންހެނަކަށް ކަމަށާއި އެ ތިން މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ ކުރިން މިމަހުގެ ތެރޭގައި ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ. މިމަހުގެ ހަތްވަނަ ދުވަހު ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި 65 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ އިރު، މިމަހުގެ 10 ވަނަ ދުވަހު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 30 އަހަރުގެ އަންހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.