ޚަބަރު

"އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމުން އައިލެންޑް އޭވިއޭޝަނަށް އަހަރަކު 128 މިލިއަން ރުފިޔާގެ ގެއްލުންވޭ"

އަހުމަދު ޖައިޝަން

ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)އަށް އަހަރެއްގެ މައްޗަށް 128 މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެތެރޭގެ އުދުހުންތަކުގެ އަގު އިތުރަށް ތިރިކުރުމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނަހުލާ ވިދާޅުވީ އައިއޭއެސްއަށް އެވަރުގެ ބޮޑު ގެއްލުމެއް ވާއިރު ސަރުކާރުންވެސް ވަނީ އެކުންފުންޏަށް ލުއިތަކެއް ދީފައި ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން 30 ޕަސެންޓުގެ ސަބްސިޑީއެއް ދީފައި. އަދި ފިއުލް އިން ސަރުކާރުން ބެއާކޮށްގެން، އަގުހެޔޮ ކޮށްފައި މިހުރިހާ ކަމެއް ފޫބެއްދިއިރުވެސް އަދި އިތުރު 60 މިލިއަން ރުފިޔާ އެބަ ގެއްލުން ވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ގެއްލުމުގައިވެސް އުދުހުންތައް އަގުހެޔޮކޮށް ބާއްވާފައިވަނީ އެއީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތަށް އެކުންފުންޏަށް ގެއްލުން ވަނީ ކުޑަ އާބާދީއެއް އޮވެފައި ގިނަ ފްލައިޓުތަކެއް ދުއްވުމުން އެދެވޭ ވަރުގެ ޑިމާންޑެއް ނޯންނާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން އަޅުގަނޑުމެނަކަށް އެހާ އަގުހެޔޮކޮށް ދަތުރުތަކެއް ކުރެވޭކަށެއް ނޯވެ. ސަރުކާރުން އެ އަގުތައް ހެޔޮ ކުރީމައި ޕްރައިވެޓްކޮށް މަސައްކަތްކުރާ ފަރާތްތައް މަންތާ، ވިލާ، އެހެން ކޮމްޕެނީތަކަށްވެސް މަޖުބޫރުވާނެ މި އަގު ކުޑަކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައްޔިތުންނަށް އޭރުން ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.