ޚަބަރު

މާފަރު އެއާޕޯޓު މެއި ނޫނީ ޖޫން މަހުގައި ހުޅުވާނެ: ނަހުލާ

އަހުމަދު ޖައިޝަން

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓު މި އަހަރުގެ މެއި ނޫނީ ޖޫން މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެކި ސަބަބުތަކާ ހުރެ މާފަރު އެއާޕޯޓުގެ މަސައްކަތް ވަނީ މީގެކުރީން މަޑު ޖެހިފައި ކަމަށެވެ.

"ސަރުކާރުގެ ތެރެއިން ބަދަލުވިއިރުވެސް ނުވަތަ އޭގެކުރީންވެސް އައިސްފައި ހުރި ދަތިތަކަކާ ހުރެ މިވަނީ އެއާޕޯޓުގެ މަސައްކަތް ލަސްވެފައި. އެތައް މަސައްކަތެއް ނުހިނގާ ހުރުމުގެ ސަބަބުން އެ ނިންމަން ޖެހޭ ދުވަހަށް ނުނިމިފައި،" ނަހުލާ ވިދާޅުވިއެވެ.

އަބޫ ދާބީ ފަންޑް ފޮ ޑިވެލޮޕްމެންޓް (އޭޑީބީ)ގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅޭގޮތުން ނަހުލާ ވިދާޅުވީ މާފަރު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން ވަނީ ސަބް ކުންފުންޏަކަށް އެ މަޝްރޫއު ހަވާލުކޮށްފައި ކަމަށެވެ.

އެކަމާ ގުޅިގެން ދިމާވި މައްސަލައެއް ހައްލުކުރެއްވުމަށް މިނިސްޓާރު ނަހުލާ ވަނީ ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިންނަވައިފައެވެ.

"މި ދަތުރުކުރަން މިޖެހުނީ މައްސަލައާ ގުޅޭގޮތުން އޮތް މަސައްކަތް ލަސް ވީމަ މަސައްކަތް އެ ބޭފުޅުން ހަވާލުކޮށްފައި އޮތް ކޮމްޕެނީގެ އަތުން ނަގަން ބޭނުންވެފައިވާތީ ސަރުކާރުން ބޭނުންވީ އަޅުގަނޑުމެން އަބޫދާބީ ފަންޑުގެވެސް އެހީތެރިކަމާއެކު ހަދާ އެއާޕޯޓަކަށް ވީހިނދު އެމީހުންގެވެސް ބަހެއް ލިބި، މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އެހެން ބަޔަކާ ހަވާލުކޮށްގެންތޯ ބަލައި އެކަމުގެ އެންމެ ރަނގަޅު ސޮލިއުޝަނަކީ ކޮބާތޯ ބަލަން،" ނަހުލާ ވިދާޅުވިއެވެ.

އެ ފަރާތްތަކުންވެސް އެދިފައިވަނީ ކުރިއެކޭ އެއްގޮތަށް ކޮންޓްރެކްޓަރު ބަދަލު ނުކޮށް މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.