ޚަބަރު

މާޅޮހުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސަށް ހިއްސާކުރައްވައިފި

އަހުމަދު ޖައިޝަން

1

ބ. އަތޮޅު މާޅޮހުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އެރަށުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މައުލޫމާތު ހިއްސާކުރައްވައިފިއެވެ.

އެރަށަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ކައުންސިލާއެކު ރައީސް ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ރަށުގައި މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވިއެވެ. އެގޮތުން ރަށުގެ ނަރުދަމާގެ މަޝްރޫއު އަވަހަށް ފަށްޓަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އޭގެއިތުރުން ރަށުގެ ބަނދަރު ތަރައްގީކުރުމާއި ސުކޫލަށާއި ސިއްހީ މަރުކަޒަށް ދަތިވާ ކަންތައްތައް ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި ހިއްސާކޮށްފައެވެ.

ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާނމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި އެދިފައެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮސް ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟