ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ޗައިނާގެ ސަފީރު، މައުމޫނާއި ފާރިސްއާ ބައްދަލުކުރައްވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ފިރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ޗައިނާގެ ސަފީރު މައުމޫނާއި ފާރިސްއާ ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގެ ތަފްސީލެއް މައުމޫނުގެ އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.

މައުމޫނާއި ފާރިސް ވަނީ ނިމިގެންދިޔަ މަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ. މައުމޫނާއި ފާރިސް، ކަފާލާތުގެ ދަށުން މިނިވަންކޮށްދިނީ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު މައްސަލައިގައި ވަކިގޮތެއް ނިމެންދެނެވެ.

ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނުދޭން އެންގުމުން ފޯނު ނުދިން މައްސަލާގައެވެ. އެ މައްސަލާގައި މައުމޫންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާއެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަދި ނުފަށައެވެ.

ކްރިމިނަލް ކޯޓުން ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ. ޝަޚްސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޕީއެމްގެ ހުއްދަނެތި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން، އެ ޕާޓީގެ ނަމުގައި ނިއުސް ކޮންފަރެންސެއް ދީފައިވާ ކަމަށް ބުނެއެވެ.