މިހާރު ކުރިއަށްދާ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް"ގައި ރާއްޖޭގެ ޖުޑީޝަރީ އިސްލާހުކުރުމާ ގުޅޭގޮތުން ގިނަ ހިޔާލުތަކެއް ބައިވެރިންގެ ފަރާތުން ލިބިފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.
ރާއްޖޭގެ ޖުޑީޝަރީ އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި މިއަދު ފެށި ކޮންފަރެންސްގެ ފުރަތަމަ ދުވަހާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑީޖޭއޭގެ ސްޕޯކްސްޕާސަން ފައިސަލް އާދަމް ވިދާޅުވީ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ފަނޑިޔާރުގޭގައި އިސްލާހުކުރަން ހުރި ކަންތައްތަކާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކުންގެ މެދުގައި މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް އެކަމާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި އަމަލުކުރަންވީ ގޮތްތައް ދެނެގަތުން ކަމަށެވެ.
"މިއަދުގެ ބަހުސްގެ ތެރޭގައިވެސް ތަފާތު އެކި ހިޔާލުތައް އެކި ފަރާތްތަކުން ހުށަހަޅުއްވާފައި އެބަވޭ،" އޭނާ ވިދާޅުވިއެވެ.
ޖުޑީޝަރީ އިސްލާހުކުރުމާ ގުޅޭގޮތުން ނުވަ ދާއިރާއަކާ ގުޅޭ ނުވަ ސެޝަނަކަށް ބައިވެރިންގެ މެދުގައި ވަނީ މިއަދު މަޝްވަރާކޮށް ހިޔާލު ފާޅުކޮށްފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާދަމާވެސް ގިނަ މައުލޫތަކަކަށް ދާއިރާއާ ގުޅުންހުރި ފަރާތްތަކުންގެ މެދުގައި މަޝްވަރާކުރާނެ ކަމަށެވެ.
އަދި މާދަމާއަށްފަހު މަސައްކަތްކުރާނީ ޖުޑީޝަރީގެ ކަންތައް ކުރިއަށް ގެންދާނެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ބޭނުންވާނެ ކަންތައްތައް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.