އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބު ފަށައިފިއެވެ.
އެ އިންތިހާބު ފަށާފައިވަނީ މިއަދު މެންދުރުފަހުއެވެ. އިންތިހާބުގެ ވޯޓްލުން ކުރިއަށްދަނީ އެމްޑީޕީ އޮފީހުގައެވެ.
އިންތިހާބުގައި މިހާތަނަށް ގިނަ މެމްބަރުން ވޯޓްލައްވާފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ ވެސް ވަނީ ވޯޓްލައްވައިފައެވެ.
އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުގެ ލީޑާޝިޕަށް ކުރިމަތިލާފައިވަނީ 15 މެމްބަރެކެވެ. އެގޮތުން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ކަމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މި ދެ މެމްބަރުންނަކީ ވެސް އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ދެ މެމްބަރުންނެވެ.
އެޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަންދު ހުސެއިން) އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.