ޚަބަރު

ދައުލަތުގެ އަނެއް ދެބާރުން ފަނޑިޔާރުގޭގެ ކަންކަމާ ބެހުމުގެ ފުރުސަތެއް ގާނޫނުއަސާސީން ނުދޭ: އުއްތަމަ ފަނޑިޔާރު

އިބްރާހިމް ޒަކީ

އެއްވެސް ސިފައެއްގައި އެއްވެސް ސަބަބެއް ދައްކައިގެން، ދައުލަތުގެ އަނެއް ދެބާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ބާރުހިންގައި ފަނޑިޔާރުގޭގެ ކަންކަމާ ބެހި ހެދުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބިފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

"ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކޮށްދެއްވުމަށް މިއަދު ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ގާނޫނުއަސާސީންވެސް ތަންދޭކަމެއް ނޫން ކަމަށެވެ.

"އެއްވެސް ސިފައެއްގައި އެއްވެސް ސަބަބެއް ދައްކައިގެން ފަނޑިޔާރުގެއަށް އަނެއް ދެ ބާރުން ނުފޫޒު ފޯރުވައި ބާރުހިންގައި ފަނޑިޔާރުގޭގެ ކަންކަމާ ބެހި، ހަދާކަށް ގާނޫނުއަސާސީ ތަނެއްނުދޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑީޔާރުގޭގެ ނިޒާމާބެގޭ ކަންކަން ހަމަޖެއްސުން އޮންނަން ޖެހޭނީ ފަނޑިޔާރުގޭގެ އަތްމަތީގައި ކަމަށެވެ.

"ފަނޑިޔާރުގެ އިސްލާހު ކުމުގެ ނަމުގައި ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމުގެ ގޮތުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓަށް ލިބިފައިވާ ފަނޑިޔާރުގޭގެ އިސްފަރާތުގެ ހައިސިއްޔަތު ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް ވެސް އެބައޮތް. މިޒަމާނުގައި ޖުޑިޝަރީތައް ދުސްތޫރީ ގޮތުން އެކުލަވާލެވިގެން ވަނީ ހައިރާކީއެއްގެ ގޮތުގައި، އެ ހައިރާކީގައި އެންމެ މަތީ ކޯޓެއްް ހުރޭ. އަދި އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެކި ދަރަޖައިގެ ކޯޓުތައް ހުރޭ. އަޅުގަނޑުމެންގެ ދުސްތޫރުގައިވެސް ޖުޑިޝަރީ ގާއިމްވެގެންވަނީ ހަމަ އެގޮތަށް. އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓު، އެއަށްފަހު ދިވެހި ރާއްޖޭގެ ހައިކޯޓު، އޭގެ ދަށުން ސުޕީރިއާ ކޯޓުތައް. އަދި އެއަށްފަހު މެޖިސްޓްރޭޓް ކޯޓުތައް މިގޮތަށް ފަނޑިޔާރުގެ ގާއިމް ކުރެވިފައިވާއިރު އެންމެމަތީ ކޯޓަށް މުޅި ނިޒާމުގެ މައްޗަށް ބެލެނިވެރިކަމުގެ އިހުތިސާސް ލިބޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުގޭގެ ނިޒާމާބެގޭ ގަވާއިދު ތަކާއި، ހަމަަތައް އެކަށަ އެޅުމަކީ ފަނޑިޔާރުގޭގެ އަތްމަތީގައި އޮންނަންޖެހޭ ކަމެއް ކަމަށެވެ.

މިޒަމާނުގެ ބެސްޓް ޕްރެކްޓިސް އަކީ ކޯޓުގެ ނިޒާމާ ބެހޭ ހަމަތަކާއި އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލުން ފަނޑިޔާރުގެއަށް ދޫކޮށްލުން ކަމަށާއި، އެފަދަ ކަންކަމަކީ ގާނޫނުއަސާސީން ކޯޓުތަކަށްވާ ބާރެއް ކަމަށެވެ.

އަދި ޝަރީއަތް ކުރުމާބެހޭ އިޖުރާއަތްތަކުގެ ގާނޫނުތައް ހެދުމުގެ ބާރު، ގާނޫނު ހަދާ ބާރުގެ ހައިސިއްޔަތުން މަޖިލީހަށް އޮތް ނަމަވެސް ބެސްޓް ޕްރެކްޓިސްއަކީ އިނޭބްލިން ގާނޫނުތަކެއްގެ ތެރެއިން އިޖުރާއަތާބެހޭ ތަފްސީލީ ހަމަތައް އެކުލަވާލައި އެކަށައެޅުން ފަނޑިޔާރުގެއަށް ދޫކޮށްލުން ކަމަށެވެ.

ވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގެ ތެރޭގައި ރާއްޖޭގައި ފާސްކުރެވިފައި ހުރި ގާނޫނުތަކަށް ބަލައިލާއިރު ފަނޑިޔާރުގެއާ ސީދާގޮތެއްގައި ގުޅުންހުރި ގާނޫނުތައް އެކަށީގެންވާ ގޮތެއްގައި ފަނޑިޔާރުގެއާ މަޝްވަރާ ކުރުމެއްނެތި ޑްރާފްޓް ކުރުމާއި ފާސްކުރުމުގެ ސަގާފަތެއް އޮތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ނަތީޖާއަކީ ބައެއް ގާނޫނުތައް ތަންފީޒުވެގެން އަންނައިރު ކޯޓުތަކުގެ ހާލަތު ހުރިގޮތުން ތަންފީޒު ކުރުން މުސްތަހީލް ހަމަތައްވެސް އޭގައިހުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އެމަނިކުފާނު ވިދާޅުވީ، 2017 ވަނަ އަހަރު އަމަލުކުރަން ފެށުނު ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ލީގަލް ޕްރޮފެޝަން ގާނޫނަކީ އަދުލު އިންސާފުގެ ބާރާ ގުޅިލާމެހިފައިވާ ގާނޫނުތަކެއް ނަމަވެސް ފަނޑިޔާރުގޭގެ އެއްވެސް ބަހެއްނެތި އެކަން ކުރުމަކީ ހިތާމަކުރަންޖެހޭކަމެއް ކަމަށެވެ.